ދުނިޔޭގެ ހުރިހާ ބިތަކަށް ނުރައްކާތެރި ކޮވިޑް-19 ވައިރަސް ފެތުރިފައިވާ މި ދަނޑިވަޅުގައި ގައުމުތަކުގެ ވެރިން އަވަސް އަރުވާލައިގެން އެއްވެސް ކަމެއް ނުކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ވޯލްޑް ހެލްތު އޯގަނައިޒޭޝަން) އިން އިލްތިމާސް ކޮށްފިއެވެ.

ސިއްހަތު ޖަމިއްޔާ އިން ހުޅަނގު ޕެސިފިކަށް ކަނޑައަޅާފައި ހުންނަ ވެރިޔާ ޑރ. ޓަކޭޝީ ކަސައި ވިދާޅުވެފައި ވަނީ ގައުމުތަކުގެ އިގްތިސާދުތައް ހުޅުވުމުގައި އަވަސް އަރުވާލައިގެން އުޅެގެން ނުވާނެ ކަމަށާއި، ވައިރަސް ކޮންޓްރޯލްވުމުން އެއީ ފަރުވާކުޑަކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

”މިއީ ފަރުވާކުޑަ ކުރަންވީ ވަގުތެއް ނޫން. އަހަރެމެން ވީ ކުރިއަށް އޮތް ދުވަސްތަކުގައި މިގޮތަށް އުޅެން ދަސްކުރަން. ގައުމުތަކުން އިގްތިސާދުތައް ހުޅުވާއިރުގައިވެސް އެބަޖެހޭ ރައްޔިތުންގެ ސަލާމަތަށް ވިސްނަން“ ޓަކާޝީ ވިދާޅުވިއެެވެ.

ޓަކާޝީ ބުނެފައިވާ ގޮތުގައި ގައުމުތަކުން އިގްތިސާދުތައް ހުޅުވާ އިރުގައިވެސް މަޑުމަަޑުން އެކަން ކުރަން ޖެހޭ ކަމަށާއި އަދި ވައިރަސް ފެތުރުން ހުއްޓުވުމަށް އާއްމުން އެއްވެ ނޫޅުމަށް ބާރު އަޅަން ޖެހޭނެ ކަމަށެވެ.

ބައެއް ގައުމުތަކުން ވައިރަސް ކޮންޓްރޯލް ވީ ކަމަށް ހީކޮށް ގައުމު އަލުން އާއްމު ހާލަތަށް ގެނައުމުން އަނެއްކާވެސް ވައިރަހުގެ ދެވަނަ ރާޅެއް ވަނީ ނަގާފައެވެ. ނަމަވެސް އަވަށްޓެރި ސްރީލަންކާގައި މަހެއް ވަންދެން ކާފިއު ހިންގުމަށް ފަހުގައި ކޮލަމްބޯ ފަދަ ބޮޑެތި ސިޓީތައް ފިޔަވައި އެހެން ހިސާބުތަކުގައި ކާފިއު ހިންގަން ފަަށާފައި ވަނީ ހަމައެކަނި ރޭގަނޑުއެވެ. އަދި އެ ސަރަހައްދުތަކުގައި އާއްމުން އެއްވެ އުޅުން އަދިވެސް މަނާކޮށްފައިވާއިރު، ކޮންމެހެން ބޭރަށް ދާން ޖެހިގެން މެނުވީ ބޭރަަށް ނުނިކުތުމަށް އަދިވެސް އެ ގައުމުގެ ސަރުކާރުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ލަންކާގައި ވައިރަސް ކޮންޓްރޯލް ކުރެވިއްޖެކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު ގަބޫލު ކުރިނަމަވެސް، ގައުމު ހުޅުވުމަށް އެ ގައުމުން އަޅަމުން އަންނަނީ ވަރަށް ހަރުދަނާ ފިޔަވަޅުތަކެކެވެ.