ކޮވިޑް-19 އަށް އިންޑިއާގެ 50 އަށްވުރެ ގިނަ ނޫސްވެރިން ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

އިންޑިއާގެ ބޮޑެތި މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެގައުމުގެ ބްރިހަންމުމްބާއި މުނިސިޕަލް ކޯޕަރޭޝަނުން ވަނީ 167 ނޫސްވެރިއަކު ޓެސްޓް ހަދާފައެވެ. އަދި މިގޮތަށް ހަދާ ކޮންމެ 3 ޓެސްޓް އަކުން އެއް ޓެސްޓް ފައްސިވާ ކަމަށް ވަނީ ބުނެފައެވެ.

އެގައުމުން ފައްސިވެފައިވާ 53 ނޫސްވެރިންގެ ތެރެއިން އެންމެ ގިނައީ މުމްބާއީއަށް ނިސްބަތްވާ ޓީވީ ޗެނަލެއްގައި މަސައްކަތް ކުރާ މީހުން ކަމަށް ވަނީ ބުނެފައެވެ. މިހާރު އެ ހުރިހާ ނޫސްވެރިން ތިބީ ކަރަންޓީން ކޮށްފައެވެ.

ފައްސިވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ކެމެރާމަނުންނެވެ.

ކޮވިޑް-19 ގެ ސަބަބުން އެގައުމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގައުމުގެ ހެލްތް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ލަވް އަގަރވަލް ވަނީ ބޭކާރު ގޮތުގައި ބޭރަށް ނުނިކުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

"މި ދަނޑިވަޅުގައި ހުރިހާ ނޫސްވެރިންވެސް ސަލާމަތައް ވިސްނައިގެން މަސައްކަތް ކުރުމަށް އެދެވިގެންވާ ކަމެއް" އަގަރވަލް ބުންޏެވެ.

ފައްސިވެފައިވާ ނޫސްވެރިންގެ ތެރޭގައި ކެމެރާ މަނުން، ފޮޓޯގްރާފަރުންނާ ވޭން އޮޕަރޭޓަރުންވެސް ހިމެނޭއިރު މީގެތެރެއިން އެއްވެސް މީހަކަށް ބަލީގެ އަލާމާތެއް ފެނިފައިނުވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ

މިކަމާއި ގުޅިގެން އިސް ކެބިނެޓް މިނިސްޓަރެއް ކަމަށްވާ ޕްރަކާޝް ޖާވަދީކާރު ވިދާޅުވީ އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ ނޫސްވެރިން، ވަކިން ހާއްސަކޮށް ކެމެރާ ފައްސިވި ކަމީ ހައިރާންކަން ގެނުވަނިވި ކަމެއް ކަމަށެވެ.

އިންޑިއާއިން މިހާތަނަށް ބަލި ޖެހިގެން 18،985 މީހަކު ރިޕޯޓް ކޮށްފައިވާއިރު، އެގައުމުން މި ބަލި ޖެހިގެން 603 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޟ

    ރާއްޖޭގެ ނޫސްވެރިންގޭގަ ތިބޭތި. ތިކުދިންނަށް ﷲ ދެރަގޮތެއް މެދުވެރި ނުކުރައްވާށި. އާމީން