އެމެރިކާގެ އެކި ސަރަޙައްދުތަކުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު އަށްލައްކައަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް އެމެރިކާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 811478 އަށް އަރާފައެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ވައިރަސް ޖެހިފައި ވަނީ އެޤައުމުގެ ނިއުޔޯކުންނެވެ.

ނިއުޔޯކުން އެކަނިވެސް މި ވައިރަސް އަށް 256555 މީހަކު ފައްސިވެފައި ވެއެވެ. އަދި ދެވަނައަށް އެންމެ ގިނަ ބަޔަކު އެމެރިކާއިން ފައްސިވި، ނިއުޖާސީ އިން ވެސް 92387 މީހަކަށް ވަނީ ބަލި ޖެހިފައެވެ.

މިހާތަނަށް އެމެރިކާއިން ކޮވިޑް-19 އަސް ފައްސިވި މީހުންގެ އަދަދު އަށްލައްކައަށްވުރެ އިތުރު ވެފައި ވާއިރު، އޭގެތެރެއިން 44752 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި އެޤައުމުން އެންމެ ގިނަ ބަޔަކު މަރުވި ސްޓޭޓަކީވެސް ނިއުޔޯކެވެ. ނިއުޔޯކުން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 19693 މީހަކު ވަނީ މަރުވެފައެވެ.

އެމެރިކާއަކީ ދުނިޔެއިން ކޮވިޑް-19 ފެނުނު ޤައުމުތަކުގެ ތެރެއިން މި ވައިރަސްގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމެވެ. މިހާތަނަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި މަރުވެފައިވެސް ވަނީ އެމެރިކާއިންނެވެ.

އެމެރިކާއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 82620 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި 14016 މީހެއްގެ ހާލު ސީރިއަސް އެވެ.

މިހާތަނަށް އެމެރިކާ ހިމެނޭހެން ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ޖުމްލަ 2545768 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް 176860 މީހަކު މަރުވެފައި ވާއިރު، ބަލިން ރަނގަޅުވީ 687083 މީހެކެވެ.

ކޮވިޑް-19 އަކީ ފަހުގެ ތާރީޚެއްގައި ވެސް ދުނިޔެއަށް ކުރިމަތިވި މިފަދަ އެންމެ ނުރައްކާތެރި ބަލިމަޑުކަމެވެ. މި ވައިރަސް އާއި ގުޅިގެން ޤައުމުތަކުން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅަމުންދާއިރު ވައިރަސް ފެތުރެމުންދާތީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ މީގެ ކުރިން މުޅި ދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ޓުރަމްޕް އަޑުނާހާތި..އެމެރިކާ ހުރިހާ ރަތްޔިތުން ހަލާކުކޮއް ނެތިކޮއް ފަނާކޮއްފި...ޓުރަމްޕަށް ހެޔޮ ވިސްނުން ލައްވާށި..އާމީން

    1
    1
  2. އަލްޖިބްރާ

    ބަލަ ޓްރަމްޕް ބުނެފަވަނީ ، ދެން އަދަދު ދާނީ ދަށަށޭ ! މިވަނީ ކީއްތޯ އޭނަ ގާތު އަހަންވީނު ؟