ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ކުރަމުން އަންނަ މަސައްކަތުގައި މިހާތަނަށް އުފެއްދި ކާމިޔާބު ވުމުގެ އުއްމީދު އެންމެ ބޮޑު އެއް ވެކްސިން މާދަމާ އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރަން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީގެ ސައިންސްވެރިން ކޮވިޑް-19 އަށް އުފެއްދި ވެކްސިނަކީ ކޮވިޑް-19 އަށް ޝިފާއަކަށް ވާނެ ކަމުގެ 80 އިންސައްތަ ފުރުސަތެއް މިހާރު ވެސް އެބައޮތް ކަމަށް އޮކްސްފޯޑް ޔުނިވަސިޓީން ބުނެއެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޮކްސްފޯޑް ޔުނިވަސިޓީ އާއި ލަންޑަންގެ އިމްޕީރިއަލް ކޮލެޖުން އުފައްދާ ވެކްސިނަށް އިނގިރޭސިވިލާތުގެ ސަރުކާރުން ޚަރަދު ކުރާނެ ކަމަށެވެ. ކޮންމެ ވެކްސިނެއް އުފައްދަން އިނގިރޭސިވިލާތުގެ ސަރުކާރުން 20 މިލިއަން ޕައުންޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އޮކްސްފޯޑް ޔުނިވަސިޓީން އަމާޒު ހިފާފައި ވަނީ ވެކްސިންގެ ޓެސްޓްތައް ނިންމައި ސެޕްޓެމްބަރ މަސް ފެށެން ވާއިރަށް އެއް މިލިއަން ޑޯސް ވެކްސިން އުފައްދާށެވެ.

"ދެ ޓީމުން ވެސް ވަނީ ކުރިއެރުންތަކެއް ހޯދާފައި. މި ވެކްސިންތަކާއި މެދު އަހަރެމެންގެ އުއްމީދު ވަރަށް ބޮޑު. އިނގިރޭސިވިލާތުގެ ރައްޔިތުންނަށާއި އަދި މުޅި ދުނިޔެއަށް މިވެކްސިން ލިބޭނެ މަގު ތަނަވަސް ކުރުމަށް ކުރަން ޖެހޭ ކަންކަން އަޅުގަނޑުމެން ކުރާނަން." ހެންކޮކް ވިދާޅުވިއެވެ.

އޮކްސްފޯޑް ޔުނިވަސިޓީން ބުނާ ގޮތުގައި އެޔުނިވަސިޓީގެ ސައިންސްވެރިން މިހާތަނަށް ހެދި ޓެސްޓްތަކުން ދައްކާ ގޮތުގައި ވެކްސިންގެ ނަތީޖާ ވަރަށް ރަނގަޅެވެ. ވެކްސިން އުފައްދާ ތިން ކުންފުންޏަކާއި އެކު މިހާރު އޮކްސްފޯޑުން ވަނީ މި ވެކްސިން އުފައްދަން އެއްބަސްވުންތަކެއް ވެސް ގާއިމް ކޮށްފައެވެ.

އޮކްސްފޯޑުން 500 ވޮލެންޓިއަރުން ބޭނުން ކޮށްގެން ވެކްސިން ޓެސްޓް ކުރާނެއެވެ.

އިމްޕީރިއަލް ކޮލެޖުން ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފެބްރުއަރީ މަހުން ފެށިގެން އަންނަނީ ކުރަމުންނެވެ. އަންނަ ޖޫން މަހު އެވެކްސިން ވެސް އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރަން ފަށާނެ ކަމަށް ބެލެވެއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ސައިންސްވެރިން ހުއްޓުމެއް ނެތި އަންނަނީ ކުރަމުންނެވެ. 70 އަށް ވުރެ ކުންފުނި، ނުވަތަ ޔުނިވަސިޓީން އަންނަނީ ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހާހޫރަ

    ކަލޭ އިނގިރާސި ވިލާތް ފަނާ ކުރުވަން ކިހާ ބާރެއްލި. ބޮރިސް ޖޯންސަން މަރުވޭތޯ ދުއާ ކުރި. ދެން ކަލޭ ވެސް މިދާން ޖެހެނީ ވެކްސިން ހޯދަން އެމީހުންނަށް އާދޭސް ކުރަންދޯ؟ ފެންވަރެއް ނުހުރޭ ފުއްޕާ އިރަކު.

    4
    27
  2. ހަނާނު

    އުންމީދާއިއެއްވަރަކަށް، ނުވަތަ އެޔަށްވުރެ ބޮޑުމިންވަރަކަށް ނުރައްކާ ތިވެކްސިންގައި ހިމެނޭކަމުގައި ވާހަކަދައްކައި، ދަޢުވާކުރާމީހުންވެސް އެބައުޅެއެވެ. އެކިވެރިންނާއި ފާރަވެރިންގެ ދޮގުހެދުމާއި އަމިއްލަޕުރޮޕަގެންޑާހިންގާމިންވަރުން ޤަބޫލުކުރާނީ ކާކުގެ ކޮންބަހެއްކަން ބުނަންނޭނގޭމިންވަރަށް މަކަރާއި ޙީލަތާއި ދޮގު އެބަހަދައެވެ. ހަމަގައިމުވެސް މީޑިޔާގައިހިނގާ މިބުނާ ނުރައްކަލުގެވާހަކަތަކަށް ބިނާކޮށްފިނަމ، ތިވެކްސިން ޖެހުމަށް އިންކާރުކުރަންޖެހޭމިންވަރަށް ވާހަކައެބަދެކެވެއެވެ! ވާގޮތް ބަލަންތިބެންވީ.

    5
    20
  3. ބޯކިބާ

    ހުޅަނގުގެ މީޑިއާ ޕުރޮޕެގެންޑާ ހަބަރުތަކުގެ ސުރުހީތަކުން ފެންނާނީ މިގޮތަށް އިނގިރޭސިން ވަރުބައެއް ނެތްކަމަށް. އެކަމަކު ޗައިނާ ރަޝިއާފަދަ ގައުމުތަކުން އިންސާނުން ބޭނުންކޮށްގެން ވެކްސިން ޓެސްޓު ފެށިތާ އެތައްދުވަހެއް. ސުރުހީތައް ބަދަލުވަނީ މިމީހުނާ ޖެހުނީމަ.