ދުނިޔޭގެ ހުރިހަ ބިތެއްގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ސްޕެއިން އިން އިތުރު 435 މީހަކު މަރުވެއްޖެ އެވެ.
ސްޕެއިން އިން މިއަދު ކޮވިޑް-19 ގެ ޝިކާރައަކަށްވެ އިތުރު 435 މީހަކު މަރުވުމާއެކު މިހާރު މި ބަލީގައި އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 21،717 އަށް އަރާފައެވެ.
މިއަދު ސްޕެއިން އިން މުޅިން އަލަށް 4،211 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއާއެކު އެޤައުމުން މި ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 208،389 އަށް އަރާފައެވެ.
ސްޕެއިން އަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ތިންވަނައަށް އެންމެ ގިނަ މީހުން މަރުވި ޤައުމެވެ. މިހާތަނަށް އެޤައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 82،973 މީހެކެވެ.
ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު ސްޕެއިން ގައި ވައިރަސް ޖެހުނު މީހުންގެ ތެރެއިން 7،705 މީހެއްގެ ހާލު ސީރިއަސް އެވެ. އެހެންކަމުން އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު އަދިވެސް ވަރަށް ބޮޑަށް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އެ ގައުމުން މަރުވާ މީހުންގެ އަދަދު މަދުވަމުން އައިސް، އަނެއްކާވެސް އިއްުޔެ އާއި މިއަދު އެ އަދަދު ވަނީ އިތުރުވެފައިކަން ފާހަގަކޮށްލެވެއެވެ.
ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވަމުންދާ ޤައުމުތަކުގެ ތެރޭގައި ސްޕެއިން އޮތްއިރު، އެޤައުމުގައި މި ވައިރަސް ފެތުރުން އަދިވެސް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.
މިހާތަނަށް ސްޕެއިން ހިމެނޭހެން ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 2 މިލިއަނަށް ވުރެން މައްޗައް އަރާފައެވެ. އޭގެތެރެއިން މިހާތަނަށް 1 ލައްކަ އަށް ވުރެން ގިނަ މީހަކު ވަނީ މަރުވެފައެވެ.