ފުރަތަމަ ފަހަރަށް ބުޅާތަކެއް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފިއެވެ.

އެ އިދާރާއިން ބުނެފައިވާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވެފައިވާ ބުޅާތަކެއް ފެނިފައިވަނީ، ނިއުޔޯކުން ކަމަށާއި މިހާތަނަށް މި ވައިރަސް ޖެހިފައިވާ ދެ ބުޅާ އެ ސްޓޭޓުން ފެނިފައިވާ ކަމަށެވެ. މިއީ އެމެރިކާއިން ވެސް ބުޅާތަކަކަށް މި ވައިރަސް ޖެހުނު ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން ނިއުޔޯކުގެ ޒުލެއްގައި އޮތް މިނިކާވަގެއް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފައިވާ ގޮތުގައި މި ދެ ބުޅަލަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުނީ، ނޭވާލާން އުނދަގޫވުން ފަދަ، ވައިރަސްގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުންނެވެ. އެ އިދާރާއިން ބުނެފައިވާ ގޮތުގައި މި ބުޅާތަކަކީ ގެއެއްގައި ގެންގުޅުނު ބުޅާތަކެއް ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން އެގޭގައި ދިރިއުޅޭ މީހަކު މިހާތަނަށް ވައިރަސް އަށް ފައްސިވެފައި ނުވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އޮފިޝަލުން ބުނާގޮތުގައި މި ދެ ބުޅަލަށް ވައިރަސްގެ އަސަރު ކޮށްފައި ވަނީ، ވައިރަސް ޖެހިފައިވާ މީހެއްގެ ފަރާތުން ކަމަށް ވެދާނެއެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެ ބުޅާތަކަށް ވައިރަސް ޖެހިފައި ވަނީ ބޭރުގައި އުޅުމުގެ ތެރޭގައި ކަމަށް ވަނީ ބެލެވިފައެވެ. އެއީ ބުޅާ ގެންގުޅުނު ގޭގައި ކޮވިޑް-19 ޖެހިފައިވާ މީހަކު ނެތުމުންނެވެ.

ބުޅަލުގެ ފަރާތުން އިންސާނުންނަށް ކޮވިޑް-19 ޖެހިދާނެ ކަމަށް ނުބެލެވޭ ކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް މިކަން އަދި އިތުރަށް ޔަޤީންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ނިއުޔޯކުން ބުޅާތަކެއް ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އެ ސްޓޭޓަކީ ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއިން ވެސް އެންމެ ބޮޑުވެފައިވާ އެމެރިކާއިން ވެސް މިހާތަނަށް މި ވައިރަސް އަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ ސްޓޭޓެވެ. އެ ސްޓޭޓުން އެކަނިވެސް މިހާތަނަށް ޖުމްލަ 262081 މީހަކަށް ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 20167 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ބުޅާތައްވެސް ޖެހެނީ މާސްކް އަޅުވަން

    12
    2
  2. ދިވެހި ދަރިއެއް

    ބުޅަލަކީ ރާއްޖޭގައި މިފަހަކަށް އައިސް ވަރަށް ގިނަ އެއްޗެއް. އަދި ޕާކްކޮއްފައި ހުންނަ ސައިކަލްތައް މައްޗައް އަދި ގޭގޭގެ ދޮރުކައިރިއަށް ވަރައްގިނައިން ގޮސް އަރާ އުޅޭ އެއްޗެއް، ވީމާ މިކަމަށް ވެސް ކަމާބެހޭ ފަރާތް ތަކުން ވިސްނަންޖެހޭނެ. ބަލި އިތުރަށް ފެތުރޭ ނުރައްކާތެރި ވަސީލަތަކަށް ނުވަނީސް

    29
  3. ނަމްޔާ

    ކޮންކަމަކައް ފައިސާހަރަދުކުރިވާހަކަތިކިޔަނި