މިހާތަނަށް ނުރައްކާތެރި ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ފެނިފައިވަނީ، ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުންނެވެ. މި ވައިރަސް އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 2.6 މިލިއަން އަށްވުރެ ގިނަ މީހުން ފައްސިވެ، 183000 އަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު، ވައިރަސްގެ އެއްވެސް ވޭދަނަ (ކޭސް) އެއް ރިޕޯޓްކޮށްފައި ނުވާ 15 ޤައުމެއް އެބައޮތެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19 ގެ އެއްވެސް ވޭދަނައެއް ރިޕޯޓްކޮށްފައި ނުވާ ޤައުމުތައް ހިމެނެނީ އޭޝިއާ އާއި އެފްރިކާގެ އިތުރުން އޯޝަނިއާގައެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ އެހެން ގިނަ ޤައުމުތަކާއި ދުރުގައި ވަކިން، ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމުތަކެވެ. އަދި ކޮވިޑް-19 ފެތުރެން ފެށުމާއެކު އަވަސް ފިޔަވަޅުތަކެއް އަޅާފައިވާ ޤައުމުތަކެވެ.

ކޮވިޑް-19 ގެ ވޭދަނައެއް ރިޕޯޓްކޮށްފައި ނުވާ ޤައުމުތަކުގެ ތެރޭގައި:

1. ކޮމޮރޯސް

އިރުމަތީ އެފްރިކާ ސަރަޙައްދުގައި އޮންނަ ކޮމޮރޯސް އަކީ ޖަޒީރަށް ރަށްތަކެއްގެ މައްޗަށް އެކުލެވޭ ކުޑަ ރަށެކެވެ. މިރަށަށް އާންމު ގޮތެއްގައި އަހަރަކު ދަތުރުކުރަނީ 36000 އެއްހައި މީހުން ކަމަށް ވެއެވެ. އެހެންކަމުން މިއީ ދުނިޔޭގައި އެންމެ މަދު އަދަދަކަށް މީހުން ދަތުރުކުރާ ޤައުމުތަކުގައި ހިމެނޭ އެއް ޤައުމެވެ. ދުނިޔޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު ކޮމޮރޯސް ވަނީ ފުރަބަންދުކޮށްފައެވެ. އެޤައުމުން ވައިރަސް ނުފެންނަ ސަބަބަކީ އަވަހަށް އަޅާފައިވާ މި ފިޔަވަޅު ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

2. ކިރިބަޓީ

އެވްރެޖް ގޮތެއްގައި އަހަރަކު ކިރިބަޓީއަށް ދަތުރުކުރަނީ ގާތްގަނޑަކަށް 6000 އެއްހައި މީހުންނެވެ. މިއީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ދަތުރުކުރަން އެންމެ ދަތި އެއް ޤައުމުކަމަށް ވެއެވެ. ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް ކިރިބަޓީން އެންމެ ވޭދަނައެއް ވެސް ރިޕޯޓްކޮށްފައި ނުވެއެވެ. އެޤައުމު ވެސް ވަނީ ދުނިޔޭގައި ވައިރަސް ފެތުރެން ފެށުމާއެކު ފުރަބަންދުކޮށްފައެވެ.

3. ލެސޯތޯ

ލެސޯތޯއަކީ އެފްރިކާ ސަރަޙައްދުން ކޮވިޑް-19 ގެ އެންމެ ވޭދަނައެއް ވެސް ނުކުރާ ހަމައެކަނި ދެޤައުމުގެ ތެރެއިން އެއް ޤައުމެވެ. އެޤައުމާއި އިންވެގެން އޮންނަ ދެކުނު އެފްރިކާގައި ހަލުވިކަމާއެކު މި ވައިރަސް ފެތުރި އެތައް ހާސް ވޭދަނައެއް ފެންމަތިވެފައި ވެއެވެ. އެހެންކަމުން ލެސޯތޯ ގައި ވެސް މި ވައިރަސް ފެތުރިފައި ވެދާނެ ކަމަށް މާހިރުން ޤަބޫލު ކުރެއެވެ. އެފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި އެޤައުމުން ވައިރަސްގެ ވޭދަނައެއް ރިޕޯޓްކޮށްފައި ނުވަނީ، ވަސީލަތްތައް މަދުވެފައި، އެޤައުމުގެ އިދާރާތަކަށް މި ވައިރަސް ދެނެގަނެވިފައި ނުވުމުންނެވެ.

4. މާޝަލް އައިލޭންޑްސް

މާޝަލް އައިލޭންޑްސް އަކީ ވެސް ވަކިން އޮންނަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައި އޮންނަ ޤައުމެކެވެ. ކޮވިޑް-19 ވޭދަނައެއް އެޤައުމުން ވެސް މިހާތަނަށް ރިޕޯޓްކޮށްފައި ނުވާއިރު، އެޤައުމަކީ ދުނިޔޭގައި މި ވައިރަސް ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ ފުރަތަމަ އަޅާފައިވާ އެއް ޤައުމެވެ.

5. ސްޓޭޓްސް އޮފް މިކްރޮނީޝިއާ

މިއީ ޕެސިޕިކް ސަރަޙައްދުގައި 600 އަށްވުރެ ގިނަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައި އޮންނަ ޤައުމެކެވެ. 112000 އެއްހައި މީހުންގެ އާބާދީއެއް އޮންނަ މި ޤައުމުގައި މީހުން ދިރިއުޅެނީ މަދު ރަށެއްގައެވެ. ސްޓޭޓްސް އޮފް މިކްރޮނީޝިއާ އިން ވެސް މިހާތަނަށް ކޮވިޑް-19 ގެ ވޭދަނައެއް ރިޕޯޓްކޮށްފައެއް ނުވެއެވެ.

6. ނައުރޫ

އޮސްޓްރޭލިއާގެ އިރުއުތުރުން އޯޝަނިއާގައި އޮންނަ ނައުރޫއަކީ ކުޑަ ރަށެކެވެ. މިރަށުގެ އާބާދީއަކީ ގާތްގަނޑަކަށް އެންމެ ދިހަ ހާސް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ރަށުގައި ހުންނަނީ އެންމެ ހޮސްޕިޓަލެކެވެ. ނަމަވެސް އެރަށުގައި ވެންޓިލޭޓަރެއް ނުހުރެއެވެ. އާންމު ގޮތެއްގައި އެ ރަށަށް އަހަރަކު ޒިޔާރަތްކުރަނީ 200 އެއްހައި ފަތުރުވެރިންނެވެ. މިއީވެސް މިހާތަނަށް "ކޮވިޑް ފްރީ" ޤައުމުތަކުން ޤައުމެކެވެ.

7. އުތުރު ކޮރެއާ

އުތުރު ކޮރެއާއިން މިހާތަނަށް ކޮވިޑް-19 ގެ ވޭދަނައެއް ރިޕޯޓްކޮށްފައި ނުވުމަކީ ގިނަ ބަޔަކު ހައިރާންވާ ކަމެއް ނޫނެވެ. ދުނިޔޭގެ އެހެން ޤައުމުތަކާއި ގުޅުން ކަނޑާލައި އެކަހެރިވެގެން އޮންނަ އުތުރު ކޮރެއާގެ މަޢުލޫމާތުތައް އެޤައުމުން ބޭރު ކުރުމަކީ ވެސް މަނާ ކަމެކެވެ. އެހެންކަމުން މިހާތަނަށް އެޤައުމުން ކޮވިޑް-19 ގެ ވޭދަނައެއް ރިޕޯޓްކޮށްފައި ނެތަސް، ވައިރަސް ފެތުރެމުންދާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

8. ޕަލައު

ޕެސިފިކް ސަރަޙައްދުގައި 500 އެއްހައި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އޯޝަނިއާގައި އެކުލެވިފައި އޮންނަ ޕަލައު އަކީ ވެސް ކުޑަ ރަށެކެވެ. ވިހިހާހެއްހައި މީހުންގެ އާބާދީއެއް އޮންނަ އެޤައުމުން އަދި ކޮވިޑް-19 ގެ ވޭދަނައެއް ރިޕޯޓްކޮށްފައި ނުވާއިރު، ވައިރަސް ފެތުރެން ފެށުމާއި ގުޅިގެން އެޤައުމަށް މީހުން އެތެރެވުން ވަނީ ހުއްޓުވާފައެވެ.

9. ސަމޯ

ދެލައްކައެއްހައި މީހުންގެ އާބާދީއެއް އޮންނަ ސަމޯ އިން ވެސް މިހާތަނަށް ކޮވިޑް-19 ގެ ވޭދަނައެއް ރިޕޯޓްކޮށްފައެއް ނުވެއެވެ. ދުނިޔޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު ޕަލައިގައި މިދިޔަ މާރިޗު މަހު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އަދި އެހެން ޤައުމުތަކުން އެޤައުމަށް މީހުން ދަތުރުކުރުން ވެސް ވަނީ ހުއްޓުވާފައެވެ.

10. ސޮލޮމިން އައިލޭންޑްސް

ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ ސޮލޮމޮން އައިލޭންޑް އިން ވެސް މިހާތަނަށް ކޮވިޑް-19 އަށް މީހަކު ފައްސިވެފައިވާ ކަމައް ރިޕޯޓްކޮށްފައެއް ނުވެއެވެ. އެޤައުމުން މި ވައިރަސްގެ ވޭދަނައެއް މިހާތަނަށް ރިޕޯޓްކޮށްފައި ނުވާއިރު، މިދިޔަ މާރިޗު 23 ވަނަ ދުވަހުން ފެށިގެން ޤައުމަށް މީހުން އެތެރެވުން ވަނީ މަޑުޖައްސާފައެވެ.

11. ތަޖިކިސްތާން

އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު ޗައިނާ އާއި ސަރަޙައްދީ ރޮނގުން ގުޅޭ ތަޖިކިސްތާނުން މިހާތަނަށް ކޮވިޑް-19 ގެ ވޭދަނައެއް ރިޕޯޓްކޮށްފައި ނުވީނަމަވެސް، އެޤައުމުގައި ވައިރަސް ފެތުރެމުންދާނެ ކަމަށް ގިނަ ބަޔަކަށް ޤަބޫލު ކުރެވެއެވެ. ނުވަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެޤައުމުން ވައިރަސްގެ ވޭދަނައެއް ރިޕޯޓްކޮށްފައި ނުވާއިރު، އެޤައުމުން ކޮވިޑް-19 ގެ މަޢުލޫމާތު ސިއްރުކުރާ ކަމުގެ އަޑުތަކެއް ކުރިން ވަނީ ފެތުރިފައެވެ.

12. ޓޮންގާ

ދެކުނު ޕެސިފިކް ކަންޑުން އޯޝަނިއާގައި އޮންނަ ޓޮންގާ އިންވެސް މިހާތަނަށް ކޮވިޑް-19 ގެ ވޭދަނައެއް ރިޕޯޓްކޮށްފައެއް ނުވެއެވެ. 169 ޖަޒީރާ ރަށެއްގެ މައްޗަށް އެކުލެވޭ ޓޮންގާގެ އާބާދީ ވެސް ލައްކައަކަށް އަރާފައި ވަނީ ދާދި ފަހުންނެވެ. ދުނިޔޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު ޓޮންގާގެ ބޯޑަރު ވަނީ ބަންދުކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އެޤައުމުގައި ވަނީ އަޅާފައެވެ.

13. ތުރުކިމެނިސްތާން

ތުރުކިމިނިސްތާނަކީ ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާ އާއި، މި ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ އެއް ޤައުމު ކަމަށްވާ އީރާނާއި ސަރަޙައްދީ ރޮނގުން ގުޅިފައި އޮންނަ ޤައުމެކެވެ. މިހާތަނަށް މި ޤައުމުން ކޮވިޑް-19 ފެނިފައިވާ ކަމަށް ރަސްމީ އިދާރާއަކުން ރިޕޯޓް ނުކުރި ނަމަވެސް، އެޤައުމުގައި ވައިރަސް ޖެހިފައިވާ މީހުން ތިބި ކަމުގެ ޚަބަރުތައް ފެތުރިފައި ވެއެވެ. ތަޖިކިސްތާނު ފަދައިން ތުރުކިމިނިސްތާނުގެ ސަރުކާރުންވެސް މި މަޢުލޫމާތު އާންމު ކުރަން ބޭނުން ނުވާ ކަމުގެ އަޑު މީގެ ކުރިން ވަނީ ފެތުރިފައެވެ.

14. ޓުވާލޫ

ޓުވާލޫ އަކީވެސް އޯޝަނިއާގައި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެކެވެ. ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ މި ޤައުމުގައި އޮންނަނީ ނުވަ ރަށެވެ. އަދި އާބާދީ އަކީ ގާތްގަނޑަކަށް 12000 މީހުންނެވެ. އާންމު ގޮތެއްގައި ޓުވާލޫ އަށް އަހަރަކު ޒިޔާރަތްކުރަނީ ދެހާހެއްހައި މީހުންނެވެ. ކޮވިޑް-19 ފެތުރެން ފެށުމާއެކު ޤައުމު ފުރަބަންދު ކޮށްފައި ވުމަކީ، އެޤައުމުން މިހާތަނަށް ވައިރަސް ނުފެންނަ ސަބަބެވެ.

15. ވަނުއަޓޫ

ދެކުނު ޕެސިފިކް ކަނޑުން އޯޝަނިއާގައި އޮންނަ ވަނުއަޓޫ އިން ވެސް މިހާތަނަށް ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ނުވެއެވެ. 1300 ކިލޯމީޓަރު ސަރަޙައްދެއްގައި 80 ރަށެއްގެ މައްޗަށް އެކުލެވޭ ވަނުއަޓޫ އަކީ ގާތްގަނޑަކަށް ތިންލައްކައެއްހައި މީހުންގެ އާބާދީއެއް އޮންނަ ޤައުމެކެވެ. ދުނިޔޭގައި ކޮވިޑް-19 ފެތުރެން ފެށުމުން ވަނުއަޓޫ ވަނީ ފުރަބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޙަމަހަމަ

  ޥަގުތުއަށް ވަރަށް އިހުތިރާމާއިއެކު މި އެދެނީ، ދިވެހި ބަސް ކުރިއަރުވަން ތި ކުރައްވާ މަސައްކަތް ބަލައިގަންނަ ހާލުގައި، މި ދުވަސްކޮޅު އާ ބަސްތައް ބޭނުން ކުރުން މަޑުޖައްސާލަންވީނުންތޯ ؟ މިހާރު ހަބަރެއް ކިޔާލުން ބޮޑު ތަކުލީފަކަށްވާން ފައްޓައިފި.

  16
  1
 2. ސޯދު

  މަބުނީ ތިހާ ފަހުރުވެރި ކަމާއެކު ވެދާނަ މި ބަސް ބޭނުން ކުރި އިރު ރިޕޯރޓް އަށް ދިވެހިބަހެއް ނެތީތޯ؟

  11
 3. ހުޅުލޭ ބޮޑުމީހާ

  ކޮން ވޭދަނައެކޭ ލިޔާކަށް....ކޭސް މިބަސް ކިޔަން ވެސް ލިޔަން ވެސް މާ ފަސޭހަ...އަލަށް ބަހެއް ހަދާނަމަ ހަދަންވާނީ އިނގިރޭސިން ބަހަށް ވުރެއް ފަސޭހައިން ކިޔާލެވޭ އިނގިރޭސި ބަހަށްވުރެއް ދިގު ނޫން ބަހެއް

  16
  1
 4. ފޯއްމުލަށް

  މިއީވެސް ތިގިތަށް ކޮރޯނާ ފްރީގައުމަކަށް ހެދިދާނެ ތަނެއް އެކަމަކު ކަރާ ކިބޫ ބުއްޅަބޭ މެން ފުރަތަމަ ޗައިނާ ބަންދުކޮށްފަ އެއާއެކު ހަރުކަށި ފިޔަވަޅުއަޅާފަ އެއަރޕޯޓް ބަންދުކުރިނަމަ މިކަންތަކާ ލައިނުގަތީސް!

  14
  2
 5. ޑައެލޯގް

  މިއީ މިގައުމުތަކުން އަވަހަށް ފިޔަވަޅުއެޅީމަ ލިބުނު ކާމިޔާބީއްއެއްކަން މިކިޔާލުމުން އެގެއެވެ. ރާއްޖެއަށް މިކާމިޔާބުނުލިބުނީ ސަރުކާރުގެ ބޯހަރުކަމުންނެވެ. ޑޮކްޓަރުންނާއި މާހިރުން ގޮވި ލޮކްޑައުންކުރަން އެކަމު އިބޫއަކަށް ނީވުނު

  12
  1
 6. ބާރީ

  ވޭދަނައެ .... މިބުނީ ކީކޭ ބާ؟

  • ހުސޭނުބޭ

   ބަސްހަދާ މީހުން ބަނޑުގައި އަޅާ ގަދަ ވޭނެކޭ

  • ވިސްނާލުމަށް އެދެމޭ

   އެއީ ކޮވިޑަކީ ވަރަށް ވޭންދެނެވި ބައްޔަކަށްވާތީ މިބައްޔާގުޅޭ އެއްވެސް ..ކޭސް..އެނުފެނެޔޯ..ދިވެހި ބަސް އަލަށްއުފަންކުރަން ލިބިފައޮތް ފުރުސަތެވީމަ ހިތަންއެރިއެއްޗެ ކިޔާލަނީ...

 7. ޅަތީފާ

  މަށައްހީވޭ ބައެއްފަހަރު އާދަނައް ކިޔާ ވަނަމޭވެސް މިކިޔަނީ ލޮލް

 8. ޚކޖފނނ

  والله މަ ދެން މިނޫސް ބެލުން ނިމުނީ
  ވައްސަލާމް
  ?

  4
  1