ކޮވިޑް-19 އާއި ގުޅިގެން ދުނިޔެ ހުއްޓުމަކަށް އައިސްފައި އޮތް ނަމަވެސް އީރާނާއި އެމެރިކާގެ ކޯޅުމަކަށް ހުއްޓުމަކަށް ނާދެއެވެ. ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ މައްސަލަތައް އަނެއްކާވެސް ހިލިގެންފައި މިވަނީ ހޮރުމޫޒް ކަނޑުއޮޅިން ދަތުރުކުރި އެމެރިކާގެ އަސްކަރީ މަނަވަރަކާއި ވަރަށް ކައިރިން އީރާން ސިފައިންގެ އުޅަނދުތަކެއް ދަތުރު ކުރުމުންނެވެ.

އީރާން ސިފައިން ކުޑަ 11 އުޅަނދެއް ވަނީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ގެންދިޔަ އެމެރިކާގެ އަސްކަރީ މަނަވަރަކާއި ވަރަށް ބޮޑަށް ކައިރިކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރި ޓްވީޓެއްގައި ބުނީ އީރާނުން އެކުރިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ކޮށްފިނަމަ އީރާންގެ އުޅަނދުތަކަށް ހަމަލާދޭން އެމެރިކާ ސިފައިންނަށް އަމުރު ކޮށްފައި ވާނެ ކަމަށެވެ.

އީރާނުން ބުނާ ގޮތުގައި އީރާނުން އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދަނިކޮށް އީރާންގެ އުޅަނދުތަކާއި އިސްވެ ކައިރިކޮށްފައި ވަނީ އެމެރިކާގެ އަސްކަރީ މަނަވަރެވެ.

ދުނިޔޭގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އީރާން ސިފައިންގެ އުޅަނދުތައް އެމެރިކާގެ މަނަވަރާއި ކައިރި ނުކުރި ނަމަވެސް އީރާނަށް އިސްވެ ހަމަލާދީގެން، ހަނގުރާމައެއް ފަށަން ޓްރަމްޕް މިހާރު ބޭނުން ވެއެވެ. ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުދަށްވެ، އެމެރިކާގެ ބޮޑެތި ތެޔޮ ކުންފުނިތައް ބަނގުރޫޓް ވެދާނެ ކަމުގެ ބިރު ބޮޑުވުމެވެ.

ހޮރުމޫޒު ކަނޑު އޮޅީގައި ހަނގުރާމައެއް ފެށިއްޖެނަމަ، އަދި އެހަނގުރާމަ އަކީ އެމެރިކާ އާއި އީރާންގެ ހަނގުރާމައަކަށް ވެއްޖެނަމަ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ. ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދު ހުއްޓުމަކަށް އައިސްފައި ވީނަމަވެސް އީރާނާއި އެމެރިކާގެ ހަނގުރާމައެއް ފެށިއްޖެނަމަ އެކަމުގެ އަސަރު ތެލުގެ އަގަށް ކުރާނެއެވެ.

ނަމަވެސް ބައެއް ތަޖުރިބާކާރުން އުފައްދާ ސުވާލަކީ ކޮވިޑް-19 ގެ ސަބަބުން އެމެރިކާގެ އިޤުތިޞާދު ވެސް ހީނަރުވެފައި ވަނިކޮށް ޓްރަމްޕް ފަދަ އިޤުތިޞާދީ ވިސްނުމުގެ ވެރިޔަކު ހަނގުރާމައެއްގެ ތެރެއަށް ވަދެފާނެ ހެއްޔެވެ؟ އެސުވާލުގެ ޖަވާބަކީ ތެލުގެ އަގު އުފުލި، ހަނގުރާމައިގެ ސަބަބުން އިތުރު މަންފާތަކެއް އެމެރިކާ އަށް ލިބޭނެ ކަމުގެ ކަށަވަރުކަން ޓްރަމްޕަށް އޮވެއްޖެނަމަ ހަނގުރާމައެއް ފަށަން ޓްރަމްޕް ފަހެއް ނުޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    ޓަރަމްޕް އަމިއްލައަށް ކަނޑަށްއެރުމުން ތެލުގެ އަގު އުފުލޭނެ!

    14
    1
  2. ަމާލް

    އަބަދުވެސް ހަތިޔާރޔު ވިއްކައިގެން ކައިބޮއި ހަދާ ބަޔަށް މިނޫން ގޮތެއްނެތް ، ނަމަވެސް ދެން ބޯންއޮތްބޮޑި ބޯން އެއުޅުއްވަނީ..

    19
    1
  3. ނަމަ

    ޓްރަމްޕް 3 އިރު އިރަކު ތެޔޮ ފީފާ އެއް ބޮމުން ގެންދިޔައީމަ ތެލުގެ އަގު އުފުލޭނެ

  4. ގަމާރު

    އެމެރިކާ އެތައް ބިލިޔަން ޑޮލަރު ޚަރަދު ކޮށްގެން އިރާގު ގައި ހެދި ބޮޑުދެބޭސް އިރްބިލް އާއި އަލްއަސަދު ދެ ބޭހައް 22މިސައިލް އަޅާ ޑްރޯންތަކާއި ޖެޓުތަކާއި ހެލިކަޕްޓަރ އަދި އެތައް އަސްކަރީ ވެހިކަލް ތައް އަނދާ އަޅިއަށް އަރުވާލިއިރު..އީރާނައް ސިންގަލް ބުލެޓެއް ވެސް ފަޔަރ ކުރަން ނުކެރުނު އެމަރިކާ ކޮންކަމެއްކުރާނީ؟ ޕެންޓަގަން އިން ބުނީ 100ވުރެ ގިނަ ސިފައިން ނައް ބޮޑެތި ޒަހަމް ތައް ވިޔޭ އެކަމަކު މި ގަމާރު ބުނީ ނުވެޔޯ އެއްކަމެއްވެސް

    10
  5. އަހުސަން

    ކޮވިޑް19 އަށް ވުރެމާ ބިރުވެރި ކަމެއް ފައްޓަން ތިއުޅެނީ؟ އީރާނައް ހަމަލާ މުޅި ދުނިޔެ ބިރުންފިއްކެނޑޭނެ. އީރާން ގެ މިސައިލް ތައް އެމަރިކާ ގެ ބޭސް ތައް ފަނާކޮށް އެމަރިކާގެ ނޭވީ ނައްތާ މުޅި މެދުއިރުމަތީގެ އެމަރިކާ އޮރިޔާން ކޮއްލާނެ..ނަމަނަމަ އަލިފާނާނުކުޅޭތި. އީރާންތީ އާދައިގެ ބައެއް ނޫނޭ ދަރިޔާ

    10
  6. ފޮނި

    ފޮނި ނުބުރުއްސާ ހުރެ ބަލަ ކަލެޔާ ހަމަ ކަމެއް ތަ އީރާނައް ކަމެއް ކޮއްލަން...ކަލޭ ދީބަލަ ހަމަލާ؟ ކަލޭގެ މަނަވަރު ކަނޑައް އަރަގު ނުކުރޭ ތޯ ބަލަން ...