ކޮވިޑް-19 އަށް އެމެރިކާގެ ކުންފުންޏަކާއި ޖަރުމަންގެ ކުންފުންޏަކުން ގުޅިގެން އުފެއްދި ވެކްސިނެއް އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރުމުގެ ހުއްދަ ޖަރުމަންގެ ސަރުކާރުން ދީފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖަރުމަންގެ ވަރުގަދަ ކުންފުންޏެއް ކަމަށްވާ ބައޮންޓެކް އާއި އެމެރިކާގެ ޕިޒާ ގުޅިގެން އުފެއްދި ވެކްސިން އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރުމަށް މިހާރު ވަނީ ވޮލެންޓިއަރުން ވެސް ހޯދާފައެވެ.

ޖަރުމަންގައި ބޭހާއި ވެކްސިނަށް ހުއްދަ ދެމުން އަންނަ އިދާރާ ކަމަށްވާ ޕީއީއައި އިން ބުނީ ކޮވިޑް-19 އަށް ހާއްސަކޮށް އުފައްދާފައިވާ ވެކްސިން ވީއެންމެ އަވަހަކަށް ބޭނުން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޖަރުމަންގެ ސަރުކާރުން ހުއްދަ ދިން ވެކްސިން ޓެސްޓް ކުރުމަށް 200 ވޮލެންޓިއަރުން ބޭނުން ކުރާނެއެވެ. އެއީ އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުންނެވެ.

ބައޮންޓެކްގެ ސީއީއޯ އުގްރް ސަހިން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވެކްސިންގެ ޓެސްޓްތައް އޭޕްރީލް މަހުގެ ފަހުކޮޅު ފެށޭނެ ކަމަށެވެ. އަދި ޖޫން މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ފަހުކޮޅު ޓެސްޓްތަކުގެ ނަތީޖާތައް ލިބެން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިއަދު އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން ވެސް ވެކްސިނެއް އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރަން ފަށާނެއެވެ. މިވެކްސިނަކީ ކާމިޔާބު ވާނެ ވެކްސިނެއްކަމުގެ 80 އިންސައްތަ ޔަގީންކަން އެބައޮތް ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ. އިނގިރޭސިވިލާތުން މަސައްކަތް ކުރަމުން އަންނަނީ އަންނަ ސެޕްޓެމްބަރ މަހާއި ހަމައަށް ވެކްސިން އުފައްދާ ބޭނުން ކުރަން ފަށާށެވެ.