ކޮވިޑް-19 ޖެހިގެން އިޓަލީން މިއަދު އިތުރު 464 މީހަކު މަރުވެއްޖެއެވެ.

މިއަދު އިޓަލީން ވަނީ ކޮވިޑް-19 އަށް އިތުރު 2646 މީހުން ފައްސި (ޕޮޒިޓިވް) ވެފައެވެ.

އިޓަލީން މިއަދު ފައްސިވި މީހުންގެ އަދަދު އިއްޔެއަށްވުރެ މަދެވެ. ނަމަވެސް މިއަދު މަރުވި މީހުންގެ އަދަދު ވަނީ އިއްޔެ މަރުވި މީހުންނަށްވުރެ އިތުރުވެފައެވެ.

އިއްޔެ އިޓަލީން މަރުވީ 437 މީހުންނެވެ. އިއްޔެ އެގައުމުން 3370 މީހުން ފައްސިވިއެވެ.

އިޓަލން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 189,973 އަށް އަރާފައެވެ. އޭގެތެރެއިން 25,549 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. އިޓަލީން ބަލި ޖެހުނު މީހުންގެ ތެރެއިން 57,576 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅު ވެފައެވެ.

އިޓަލީގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާރު މަދުވަމުން އަންނާތީ އެގައުމުން ދަނީ ގައުމު ފުރަބަންދު (ލޮކްޑައުން) ކޮށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދެމުންނެވެ.

ބަނގުރާ ބުއިމުން ކޮވިޑް-19 އިން ސަލާމަތްވާ ކަމަށް ބުނެ އިޓަލީގެ ބައެއް މީހުން މާގިނައިން މިހާރު ބަނގުރާ ބޯ ކަމަށާއި އެކަން އެގޮތައް ނުކުރަން އިޓަލީގެ ހަޔާ ހެލްތު އިންސްޓިއުޓް (އައިއެސްއެސް) އިން ވަނީ އެދިފައެވެ. އައިއެސްއެސް އިން ބުނީ ބަނގުރަލަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެއްވެސް އެހީއެއް ލިބޭ އެއްޗެއް ނޫން ކަމަށާއި ބަނގުރަލުގެ ސަބަބުން އިތުރު އެތައް މައްސަލައަކަށް މަގުފަހިވާ ކަމަށެވެ.