ދުނިޔޭގެ އެކި ކަންކޮޅުތަކުން، ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 2.7 މިލިއަން އަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން ޖުމްލަ 2701060 (ދެ މިލިއަން ހަތްލައްކަ އެއްހާސް ފަސްދޮޅަސް) މީހަކަށް ވަނީ މި ވައިރަސް ޖެހިފައެވެ.

ދުވަހެއް ދުވަހަކަށް ކޮވިޑް-19 ގެ ނުރައްކާ ދުނިޔެއަށް ކުރިމަތިވަމުން ދާއިރު، މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން 189293 މީހަކު ވަނީ މަރުވެފައެވެ.

ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން މިހާތަނަށް މި ވައިރަސް ފެނިފައިވާއިރު، މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 741740 މީހެއް ކަމަށް އިދާރާތަކުން ބުނެއެވެ.

މިހާތަނަށް ދުނިޔެއިން މި ބަލި ފެނުނު ޤައުމުތަކުގެ ތެރެއިން، ވައިރަސްގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ އެމެރިކާ އަށެވެ. އެޤައުމުން އެކަނިވެސް މިހާތަނަށް ޖުމްލަ 870321 މީހަކަށް ބަލި ޖެހިފައި ވާއިރު، އޭގެތެރެއިން 49217 މީހަކު ވަނީ މަރުވެފައެވެ. އެމެރިކާ އަކީ މި ބަލީގައި އެންމެ ގިނަ ބަޔަކު ފައްސިވެ، އެންމެ ގިނަ ބަޔަކު މި ބަލި ޖެހިގެން މަރުވި ޤައުމުވެސް މެއެވެ.

ކޮންޓްރޯލްވުމެއް ނެތި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފެތުރެމުންދާ މި ވައިރަސްގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ސްޕެއިން އާއި އިޓަލީ އާއި ފްރާންސް އާއި ޖާމަނީ އާއި އިނގިރޭސިވިލާތުގެ އިތުރުން ތުރުކީ ހިމެނެއެވެ.

ފަހުގެ ތާރީޚެއްގައިވެސް ދުނިޔެ ދެކެފައިނުވާހައި ނުރައްކާތެރި މި ބަލިމަޑުކަން އެންމެ ފުރަތަމަ ދުނިޔޭފައި ފެތުރެން ފަށާފައި ވަނީ ޗައިނާގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުންނެވެ. އެއަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް މި ވައިރަސް ވަނީ ފެތުރިފައެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މީގެ ކުރިން ވަނީ މުޅި ދުނިޔެއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. މި ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ޤައުމުތަކުން އަންނަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.