ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ތުރުކީން ފައްސިވި މީހުންގެ އަދަދު ލައްކައަކަށް އަރައިފިއެވެ.

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި ތުރުކީ ހިމެނޭއިރު، އެޤައުމުން މިހާތަނަށް ޖުމްލަ 101790 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ.

ކޮވިޑް-19 އާއި ބެހޭ ފަހުގެ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ތުރުކީން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 2491 މީހަކު ވަނީ މަރުވެފައެވެ.

އިއްޔެ އެކަނިވެސް ތުރުކީން ކޮވިޑް-19 އަށް 3116 މީހަކު ފައްސިވެފައި ވެއެވެ. އަދި މިދިޔަ 24 ގަޑިއިރު ތެރޭ އެޤައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު 115 އަށް އަރައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ތުރުކީން ބަލި ފެންނަ މިންވަރު އިތުރުވަމުން އަންނައިރު އެޤައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން އަދި ރަނގަޅުވެފައި ވަނީ 18491 މީހެކެވެ. އިދާރާތަކުން ނެރެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ތުރުކީގައި ވައިރަސް ޖެހިގެން 1816 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ. އެހެންކަމުން މި ބަލީގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ކުރިޔަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ތުރުކީ އަކީ ދުނިޔެއިން ކޮވިޑް-19 ފެނިފައިވާ ޤައުމުތަކުގެ ތެރެއިން ހަތްވަނައަށް އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވީ ޤައުމެވެ. އެޤައުމަކީ ދުނިޔެއިން 12 ވަނަ އަށް މި ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވާ ޤައުމެވެ.

މިހާތަނަށް ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވާއިރު، ދުނިޔެއިން މިހާތަނަށް ޖުމްލަ 2712425 މީހަކަށް މި ބަލި ޖެހިފައި ވެއެވެ. އޭގެތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 190198 އަށް އަރާފައެވެ. މި ބަލި ޖެހުމަށްފަހު ބަލިން ރަނގަޅުވެފައިވަނީ 744481 މީހެކެވެ.

ދުނިޔޭގެ ޤައުމުތަކަށް ބަލާއިރު، ތުރުކީ ހިމެނޭހެން މިބަލީގައި މުޅި ދުނިޔެއިން 58675 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދެއެވެ.