އެމެރިކާގައި ކޮވިޑް-19 އަށް ޓެސްޓް ކުރާ އަދަދު އިތުރު ކުރުމަށް އެ ގައުމުގެ ދިފާއީ ނިޒާމްގެ ޑޮކްޓަރުން އަދި ގިނަ މާހިރުން އިރުޝާދުދެމުން އަންނަ އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް އެކަމަށް އިންކާރުކޮށްފިއެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ހަލުވިކަމާއެކު މިހާރު އެންމެ ބާރު މިނުގައި ފެތުރެނީ އެމެރިކާގައެވެ. އެގޮތުން އެމެރިކާގެ ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި ވައިރަސްގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް ކުރިޔަށް އޮތްތަނުގައި ވަރަށް ބޮޑަށް އިތުުރުވާނެ އެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރ، ޑރ. އެންތަނީ ފައުޗީ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އެގައުމުން މަރުވާ މީހުންގެ ނިސްބަތް އިތުރުވަމުން އަންނަ އިރު މީހުން ގިނަ އަދަދަކަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށެވެ.

މިކަމާއި ގުޅިގެން ވައިޓްހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލަކަށް ޖަވާބު ދެމުން ޓްރަމްޕް ބުނީ، ޑޮކްޓަރުގެ ވާހަކަ އަށް އެއްބަސް ނުވާ ކަމަށާއި، އެމެރިކާގައި ޓެސްޓް ކުރެވެމުންދާ މިންވަރާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

އެމެރިކާއިން ކޮވިޑް-19 ޖެހިގެން ގިނަ އަދަދެއްގެ ކޭސްތަކެއް ރިޕޯޓްކޮށްފައިވާއިރު އެ ގައުމުން ދަނީ ގިނަ އަދަދަކަށް މީހުން މަރުވަމުންނެވެ. އެގޮތުން ޓްރަމްޕް ޞިއްޙީ ތަޖުރިބާކާރުންގެ ބަހަށް އިދިކޮޅު ހަދާ އެމެރިކާ މިހާރު އޮތް ޙާލަތަށް ދިއުމުގައި ހިއްސާ ބޮޑު ކަމަށް މީޑިޔާތަށްވެސް ބުނެފައެވެ.

ކޮވިޑް-19 އަށް ޓެސްޓުކުރާ މިންވަރު އިތުރުކުރުމަށް ޑރ. ފައުޗީގެ އިތުރުން އެމެރިކާގެ ޑޮކްޓަރުންނާއި އެހެނިހެން ގައުމުތަކުންވެސް ވަނީ، އެ ގާބިލްކަން އިތުރު ކުރަން ޖެހޭކަމަށް ޓްރަމްޕަށް ލަފާދީފައެވެ. ނަމަވެސް ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަމުން ޓްރަމްޕް އިތުރަށް ހާމަކުރި ގޮތުގައި، އެމެރިކާއަކީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގައި ކުރި ހޯދައިވާ ގައުމެކެވެ.

ޓްރަމްޕް މިގޮތަށް ބުނި ނަމަވެސް ނިއު ޔޯކްގެ ގަވަރނަރ އެ ސްޓޭޓުގައި ބައްޔަށް ޓެސްޓު ކުރާ މިންވަރު އިތުރުކުރަން ޖެހޭ ކަމަށް ބުނެފައި ވެއެވެ. އަދި މީގެ އެއް ހަފްތާ ކުރިން އޮހައިޔޯގެ ގަވަރނަރ ވެސް ވަނީ ޓެސްޓްކުރުމަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ބުނެފައި ވެއެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް މުޅިދުނިޔެއަށް ފެތުރި ކޮންޓްރޯލް ނުވާއިރު ވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ އެމެރިކާގައެވެ. އެމެރިކާއިން ކޮވިޑް-19 ޖެހިގެން 886،709 ކޭސް އެއް ރިޕޯޓް ކޮށްފައިވާއިރު 50،243 މީހަކު ވަނީ މަރުވެފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް އެޤައުމުގައި މިހާރުވެސް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާރިޔާ

    ޓުރަންޕު ބޭނުންވެޔޭ މީހުން މަރަން ދެންކީކުރާކައްތަ ގިނަބަޔަކު ޓެސްޓުކުރަންވީކީ.

    5
    1