އަވައްޓެރި ސްރީލަންކާގެ 432 ކުށްވެރިއަކަށް މާފު ދިނުމަށްފަހު މިނިވަންކުރަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން ޖަލުން މިނިވަންކުރަން ކަނޑައަޅާފައިވަނީ ކުދިކުދި ކުށްތައް ކޮށްގެން ޖަލަށް ލާފައިވާ ގައިދީންނެވެ. އެގޮތުން، މީގެ ދަށުން ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި ހުރި 29 ޖަލަކުން ގައިދީން މިނިވަން ކުރެވޭނެއެވެ.

ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ދެއްވި އަފޫއާންމެއްގެ ދަށުން އެގައުމުގެ ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން 432 ގައިދީން މިނިވަންކޮށް ދޫކޮށްލަން ނިންމާފައިވާއިރު ކުށްވެރިން މިނިވަން ކުރަން ނިންމީ ލަންކާގެ ބުދިސްޓުންގެ ދީނީ ޚާއްސަ ބައްދަލުވުމަކާއި ގުޅުވައިގެންނެވެ.

މިނިވަންދުވަހާއި، އެނޫންވެސް ސްރީލަންކާގައި ފާހަގަކުރާ ޚާއްސަ ދުވަސްތަކާ ގުޅިގެން، ސްރީލަންކާގެ ރައީސް ކޮންމެ އަހަރަކުވެސް އެތައް ގައިދީންނަށް މައާފް ދެއްވައި މިނިވަން ކުރައްވައެވެ.

"ރައީސް އަށް ލިބިގެންވާ ބާރުގެ ދަށުން މިނިވަންކުރެވޭ ގިނަ ގައިދީން ޖަލުގައި ތިބީ އެމީހުންގެ މައްޗަށް ކޯޓުތަކުން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ނުކުޅެދުމުގެ ސަބަބުން. އެފަދަ ގައިދީން މިނިވަން ކުރުމަށްޓަކައި އެމީހުންގެ މައްޗަށް އިއްވާފައިވާ ޖޫރިމަނާގެ ހުކުމް މިހާރުވަނީ މައާފް ކޮށްފައި" ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް ޕްރިޒަންސްގެ ތަރުޖަމާނު ތުސާރާ އުޕުލްޑެނިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު