އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެކަމުގެ އިންޒާރު ދީފައިވަނިކޮށް ސީރިޔާގެ ސަރުކާރުގެ ފައުޖުތަކުން ޔަރުމޫކު ރެފިއުޖީ ކޭމްޕަށް ހަމަލާ ދެމުން އެބަދެއެވެ.

ޔަރުމޫކު ސަރަޙައްދުގެ ހަޖަރުލް އަސްވަދަށް އިއްޔެވެސް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން، ސީރިޔާގެ ފައުޖުތަކުން ދަނީ އެސަރަޙައްދަށް ހަމަލާ ދެމުންނެވެ. ބައިނަލްއަޤުވާމީ މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި މި ޙަމަލާތަކުގައި މިހާތަނަށް އާއްމުންގެ 18 މީހަކުވަނީ މަރުވެފައެވެ.

ސީރިޔާގެ ދައުލަތުގެ ޓީވީ، "ސަނާ" އިން ބުނާގޮތުގައި ވައިގެ މަގުންނާއެކު އެސަރަޙައްދަށް ހަމަލާ ދެމުންދަނީ، އެތަނުގައި ހަރަކާތްތެރިވަމުންދާ ހައްދުފަހަނަ އަޅާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިންގެ އަތްދަށުން އެތަން ސަލާމަތްކުރުމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި 2011 ވަނަ އަހަރު ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުމުގެ ކުރިން ޔަރުމޫކު ސަރަޙައްދަކީ، ފަލަސްތީނު ދޫކޮށް ސީރިޔާއަށް ރެފިއުޖީންގެ ގޮތުގައި އައިސް އުޅެމުންދާ މީހުންގެ ސަރަޙައްދެވެ. އެސަރަޙައްދުގައި އޭރު ފަލަސްތީނުގެ ބޮޑު އާބާދީއެއް އޮތްއިރު، މިހާރުވެސް އެޤައުމުގެ ގިނަ ރައްޔިތުންތަކެއް ޔަރުމޫކުގައި އުޅެމުންދެއެވެ. އަދި، އެފަރާތްތައްވެސް ހާލުގައި ޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ދާޚިލީ ހަނގުރާމަ އިތުރަށް ވަރުގަދަވެ، އެކަމުގެ ތެރެއަށް އެހެން ބާރުތައްވެސް ވަންނަން ފެށިއިރު، 2015 ވަނަ އަހަރުގެ ތެރޭގައި ޔަރުމޫކު ވަނީ އައިއެސްގެ އަތްދަށަށް ގޮސްފައެވެ.

އެކްޓިވިސްޓުން ބުނާ ގޮތުގައި މިހާރުވެސް ޔަރުމޫކު ސަރަޙައްދު އޮތީ ވަރަށް ބޮޑަށް ހާލުގައި ޖެހިފައެވެ. އެގޮތުން، މިހާރުވެސް ބައެއް ޒަރޫރީ ބޭނުންތައް ފުއްދާ އާލާތްތައްވެސް، އެތަނުން ލިބެން ނެތްކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެނގޭތަ

    އިންޝާﷲ ޔަރްމޫކްގަ ތިބި މުސްލިމުންނައް ނަސްރު ލިބޭނީ.ބައްޝާރުގެ ކާފަރު ސިފައިންނާއި ގުިފައިވާ ކޯލިޝަން ނިކަމެތި ގޮތަކައް ބަލިވެގެންދާނެ.

  2. ޒާ

    ﷲ ގެ ވާގިފުޅާއެކު ޔަރުމޫކުގައި ތިބި އިސްލާމް ދީނުގެ ޢަދުއްވުން، މުސްލިމުންކަތިލާ އިބިލީހުގެ ބައިވެރިން ބަލި ކުރަށްވާށި.