އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ގައުމު ކަމަށްވާ އެމެރިކާ އިން މިބަލީގައި މަރުވި މީހުންގެ އަދަދު ބައިލައްކަ އަށް އަރައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19 ޖެހިގެން އެމެރިކާ އިން މިހާތަނަށް ވަނީ 50403 މީހުން މަރުވެފައެވެ. މިހާތަނަށް އެމެރިކާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 890,198 އަށް އަރާފައެވެ. އެމެރިކާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދާއި ބަލާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދު މަދެވެ. އެމެރިކާ އިން ބަލި ޖެހުނު މީހުންގެ ތެރެއިން އަދި ބަލިން ރަނގަޅުވީ 89,982 މީހުންނެވެ.

އެމެރިކާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އައި ނަމަވެސް އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި މިހާރު އެމެރިކާގައި ވަނީ ކޮވިޑް-19 ޕީކަށް އެޅިފައެވެ. ނުވަތަ މަރުވާ މީހުންނާއި ބަލި ޖެހޭ މީހުންގެ އަދަދު ދެން ދާނީ މަދުވަމުންނެވެ.

ނަމަވެސް ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލަފާއަރުވާ ޓާސްކްފޯހުގެ އިސް ސައިންސްވެރިޔާ އެންތަނީ ފައުޗީ ވިދާޅުވާ ގޮތުގައި މިއަހަރުގެ ފަހުކޮޅު ކޮވިޑް-19 ގެ ދެވަނަ ރާޅެއް އެމެރިކާ އަށް އެެރުން ވަރަށް ގާތެވެ. ދެން ބަލި ފެތުރިގަންނައިރު މިހާރަށްވުރެ މާބޮޑަށް ނުރައްކާ ވާނެ ކަމަށް އޭނާ ލަފާކުރައްވައެވެ.

އެމެރިކާ ސަރުކާރުން ހާއްސަކޮށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަނީ ގެއިން ނިކުތުން މަނާކޮށް އެކި ސްޓޭޓްތަކުން ނެރެފައިވާ އަމުރުތަކަށް ލުއި ދިނުމަށް ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. ޓްރަމްޕް ގަބޫލު ކުރާ ގޮތުގައި އާއްމުންނަށް ވަޒީފާ އަދާނުކުރެވޭނަމަ ކޮވިޑް-19 ޖެހިގެން މަރުވާ މީހުންނަށްވުރެ ނަފްސާނީ މައްސަލަތަކުގައި މަރުވާ މީހުންގެ އަދަދު ގިނަ ވާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ އިޤުތިޞާދަށް ލިބެމުންދާ ގެއްލުން ވެސް ދަނީ ދުވަހަކަށްވުރެ ދުވަހަކު އިތުރު ވަމުންނެވެ. ތަފާސް ހިސާބަށް ބަލާއިރު އެމެރިކާގެ ކޮންމެ ހަމީހަކުން އެކަކުގެ ވަޒީފާ ވަނީ ގެއްލިފައެވެ. މިއީ 1930 ވަނަ އަހަރު އެމެރިކާ އަށް ދިމާވި "ގްރޭޓް ޑިޕްރެޝަން" ގެ ނަމުން މަޝްހޫރު އިޤުތިޞާދީ ތަދުމަޑުކަމަށްވުރެ ވެސް ގޯސް ހާލަތެކެވެ. މިކަމުން އަރައިގަންނަން 500 ބިލިއަން ޑޮލަރުގެ ސްޓިމިލިއަލް ޕެކޭޖެއް އެމެރިކާ ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮން ބަބުރު ސޮރު

    ﷲ މޮޅަށް ދެނެވޮޑިގެންވޭ 1972އިން ފެށިގެން
    ކިތައްގައޮމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ހަލާކުކޮށް އެގައޮމުތަކުގެ ރައްޔަތުން ބަނޑަށް ޖައްސާފަ ވޭތޯ؟ އަދި ކިތަށް ގައޮމަށް ބޮންއަޅާ
    ހަލާކު ކޮއްފަ ވޭތޯ؟ އެގައޮމުތަކުގެ ކިތައް މުސްކުޅީން، ކުޑަކުދީން އަދި އަންހެނުން ހައްގަކާ ނުލާ މަރާފަ ވޭތޯ؟

  2. ދިވެހިން

    ނިއުކުލިއަ މިސައިލަކުން ކޮވިޑު19 މަރާލަންވީނުން؟