ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 357 މީހަކު މަރުވެއްޖެއެވެ.

މިއީ އެޤައުމުން ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ. މިހާތަނަށް ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އިއްޔެ އެވެ. އެޤައުމުން އިއްޔެ އެކަނިވެސް 407 މީހަކު މަރުވެފައި ވެއެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ ބްރެޒިލް އިން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފަރުވާކުރަމުން ދަނިކޮށް މަރުވެފައި ވާއިރު، އެޤައުމުން ވަނީ ބަލީގެ އިތުރު 3503 ކޭސް އެއް ފެންމަތިވެފައެވެ. މިއާއެކު މިހާތަނަށް ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 52995 އަށް އަރާފައެވެ.

ބްރެޒިލްގައި ފާއިތުވެދިޔަ ދުވަސްތަކުގައި މި ބަލި ޖެހޭ މީހުންނާއި، ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް އެޤައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 8318 މީހެއްގެ ހާލު ސީރިއަސް އެވެ. އެހެންކަމުން މި ބަލީގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ކުރިޔަށް އޮތްތާ ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

މިހާތަނަށް ބްރެޒިލްގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 27655 މީހެއް ކަމަށް އިދާރާތަކުން ބުނެއެވެ.

ބްރެޒިލް ހިމެނޭހެން ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 2826674 އަށް އަރާފައި ވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު 196972 އަށް އަރައެވެ. މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 781254 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 58384 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ދާއިރު، ބްރެޒިލްގައި ދަނީ އެފަދަ ފިޔަވަޅުތައް އެޅުމާއި ދެކޮޅަށް މުޒާހަރާވެސް ކުރަމުންނެވެ. އެޤައުމުގެ ރައީސް އިސްވެ ހުރެ ކުރިޔަށްގެންދާ މި މުޒާހަރާތަކުގައި ގޮވާލަމުން ދަނީ، ސްޓޭޓްތަކުގެ ގަވަރުނަރުން، އެ ސްޓޭޓްތަކުގައި އަޅާފައިވާ ރައްކާތެރި ފިޔަވަޅުތައް އުވާލުމަށެވެ.

ބްރެޒިލްގެ ރައީސް ބުނާގޮތުގައި ކޮވިޑް-19 އަކީ އާދައިގެ ރޯނގާއެކެވެ. އެހެންކަމުން އެކަމާއި ކަންބޮޑުވާންވީ ކަމެއް ނެތް ކަމަށާއި ޤައުމު ހުޅުވާލައި އާންމު ދިރިއުޅުމަށް އެންމެންވެސް ދާން ޖެހޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ. އޭނާ ވަނީ ކޮވިޑް-19 އާއި ގުޅިގެން އެހެން ޤައުމުތަކުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންދާތީ އެކަމަށް ފާޑުކިޔަމުންނެވެ.

ކޮވިޑް-19 އަކީ ފަހުގެ ތާރީޚެއްގައިވެސް ދުނިޔެ ދެކެފައިނުވާ ވަރުގެ ނުރައްކާތެރި ބަލިމަޑުކަމަކަށް ވާއިރު، މި ވައިރަސް އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލައި ވައިރަސް އިތުރަށް ފެތުރި ޤައުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާފަދަ ގޮތަކަށް ކަންކަން ހިންގުމަށް ބްރެޒިލްގެ ރައީސް ބާރުއަޅަމުންދާތީ އެޤައުމުގެ ރައްޔިތުންވެސް ކަންބޮޑުވެއެވެ.