އިޓަލީގައި ކޮވިޑް-19 ޖެހިގެން 150 ޑޮކްޓަރުން މަރުވެފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އިޓަލީގެ ޑޮކްޓަރުންގެ އެސޯސިއޭޝަނުން ބުނީ އެ ގައުމުގައި މަރުވި ޑޮކްޓަރުންނަކީ ކޮވިޑް-19 ޖެހުނު އާންމުންގެ މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ބައެއް ކަމަށެވެ. އަދި ސިއްހީ ނިޒާމުގައި މަސައްކަތް ކުރާ 10 ޕަސަންޓު މީހުންނަށް މި ވައިރަސް ޖެހިފައިވާ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.

އެގައުމުގެ ސިއްހީ ގްރޫޕަކުން ބުނީ އިޓަލީގެ ސިއްހީ ނިޒާމު އިތުރަށް ވަރުގަދަ ކުރަން ޖެހިފައިވާ ކަމަށް ބުނެފައެވެ.

އިޓަލީގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 192,994 އަށް އަރައިފައެވެ. އެ ގައުމުން މިހާތަނަށް 25,969 މީހުން ވަނީ މަރުވެފައެވެ. އިއްޔެ އެކަނި ވެސް އެ ގައުމުގައި 3,021 މީހެއްގެ ގައިން ބަލި ފެނުނު އިރު، 420 މީހަކު ވަނީ މަރުވެފައެވެ. އެ ބަލިން އެ ގައުމުގައި ރަނގަޅުވެފައި ވަނީ 60,498 މީހުންނެވެ.

އިޓަލީގައި މިވަގުތު 106,527 މީހުންނަށް ފަރުވާ ދެމުން ދާއިރު، އޭގެ ތެރެއިން 2,173 މީހެއްގެ ހާލު ސީރިއަސްއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 2.8 މިލިއަނަށް އަރައިފައެވެ. އަދި މި ބަލީގައި 197,343 މީހުން މަރުވެފައިވާ އިރު، ރަނގަޅުވެފައި ވަނީ 807,040 އެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ސީރިއަސް ހާލަތުގައި 58,524 މީހުން އެބަތިއްބެވެ.

އަދި މި ބައްޔަށް މިހާރު ވެސް ފަރުވާދެމުންދާ 1.7 މިލިއަނަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

ކޮވިޑް-19 ޖެހޭ ގިނަ މީހުންނަކީ ސީރިއަސް ހާލަތަކަށްދާ ބައެއް ނޫނެވެ. އަދި ގިނަ މީހުންގެ ފަރާތުން ފެންނަނީ ވަރަށް އާދައިގެ އަލާމާތްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު