މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އަކީ ޗައިނާގެ ވުހާން ސިޓީން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފެނިގެން އައި ނުރައްކަތެރި ބައްޔެކެވެ. ދުވަހެއް ދުވަހަކަށް ބަލި އިތުރަށް ފެތުރި، ޖަނަވަރީ މަސް ނިމެން ކައިރިވެފައިވަނިކޮށް ބަލި ޖެހިގެން އެންމެ ގިނަ މީހުންވެސް މަރުވެފައިވަނީވެސް ޗައިނާ އިންނެވެ. އެހެން ގައުމުތަކާއި އަޅާބަލާއިރު، ޗައިނާއިން މި ބަލި ޖެހިގެން ގިނަ އަދަދެއްގެ މީހުން މަރުވާން ފެށުމުން އެންމެސް ސުވާލު ކުރަމުން އައީ އެގައުމަށް ބަލި ކޮންޓްރޯލް ކުރެވިދާނެތޯ ނޫނީ ނުކުރެވޭނެތޯއެވެ.

އެހެން ނަމަވެސް މިހާރު ފެނިގެން އަންނަނީ ޗައިނާއަށް އުފާވެރި ދުވަސް ތަކެކެވެ. ދުނިޔޭގެ ގިނަ ގައުމުތަށް ކުޑަކަކޫ މައްޗަށް ތިރިކޮށްލާފައިވާ ކޮވިޑް-19 ޖެހިގެން އެގައުމުން މީހަކު މަރުނުވެ މިއަދާއި ހަމައަށް 10 ދުވަސްވެއްޖެއެވެ. އެގައުމުން މިހާތަނަށް ބަލި ޖެހިގެން މަރުވެފައިވަނީ 4،632 މީހުންނެވެ. އަދި ބަލި ޖެހިގެން މިހާތަނަށް 82،816 މީހަކު ރިޕޯޓް ކޮށްފައިވާއިރު، ހާލު ދެރަވެގެން 49 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކުރިން ގިނަ ބަޔަކު ލަފާ ކޮށްފައިވާ ގޮތާއި މުޅިން ހިލާފަށް އެގައުމުން ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ކުރި ހޯދާފައެވެ. މިހާރު ގިނަ ގައުމުތަކުގެ ސަމާލުކަން ހުއްޓިފައިއޮތީ އެގައުމުން މި ފަރުވާއެއް ނެތް މިބައްޔަށް މިހައި ފަސޭހައިން ކުރި ހޯދީ ކިހިނެތް ކަމާއި މެދުއެވެ.

ޗައިނާއިން މި ބަލި އެންމެ ފުރަތަމަ ފެނި، ބާރަށް ފެތުރެން ފަށާފައިވަނީ އެގައުމުގެ އައު އަހަރާއި ދިމާކޮށްކަން ފާހަގަކޮށްލެވެއެވެ. އެހެން ކަމުން ބަލި އެންމެ ބޮޑަށް ފެތުރެން ފެށި "ހެބެއީ ޕްރޮވިންސް" އެގައުމުން ވަނީ ބަންދުކޮށް، 58.9 މިލިއަން މީހުން ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އެންގިއެވެ. އަދި ބަލި އެންމެ ގަދަޔަށް ފެތުރިފައިއޮތް އާބާދީގެ ގޮތުން 12 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ، ވޫހާންގެ ކޮންމެ ގެއަކަށް އެގައުމުގެ ސިއްހީ އޮފިޝަލުން ވަނީ ޒިޔާރަތްކޮށް ބަލި މީހުންގެ މައުލޫމާތު ހޯދާފައެވެ.

މިހާރު ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު، ޗައިނާ ގައި ބަލި ކޮންޓްރޯލް ކުރެވުނު މައިގަނޑު ސަބަބަކީ ރައްޔިތުން ބަސްއަހައި ކިޔަމަންވުމެވެ. އެންގުންތަކަށް ބޯލެނބުމެވެ. ފިޔަވަޅުތައް ހަރުކަށި ނަމަވެސް އެއީ އަޅަން ޖެހޭ ފިޔަވަޅުތައް ކަމަށް ރައްޔިތުން ގަބޫލު ކުރުމެވެ.

އެގައުމުން މިހާރު ބަލި ކޮންޓްރޯލް ކުރެވިފައިވާއިރު، ސިއްހީ މާހިރުން ގަބޫލު ކުރާގޮތުގައި އެގައުމުގެ އުތުރު ޕްރޮވިންސްތަކަށް ބަލި ފެތުރެން ފަށާފައިވަނީ ރަޝިއާގެ ބޯޑަރު ހުރަސްކޮށް އަންނަ ބައެއް މީހުންގެ ގައިންނެވެ. މިގޮތަށް ނިންމާފައިވަނީ ރަޝިއާ ބޯޑަރު ހުރަސްކޮށް އެގައުމަށް އަރާފައިވާ 11 މީހަކު ބައްޔަށް ފައްސިވުމުންނެވެ.

ޗައިނާއިން ބަލި ކޮންޓްރޯލް ވުމުގެ އިތުރުން އެގައުމުގެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން މިހާރު އެގައުމުގެ އިޤްތިސޯދުވެސް އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. ކޮވިޑް-19 ވައިރަހުގެ ސަބަބުން ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ އިގްތިސާދުތަކަށް ވަނީ އެކަމުގެ ނޭދެވޭ އަސަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަލީމް

    ޓްރަމްޕަށް މިހާރު ހުންނާނީ ރާކަނިމަސް ކެވިިފަ..
    ﷲ ގެ އިރާދަފުޅުން ޗައިނާ އަށް މިބަލި ކޮންޓްރޯލް މިި ކުރެވުނީ.
    އަވަސް މުސްތަގުބަލެއްގައި ސައުދީއާ ފަލަސްތީނާ ރާއްޖެވެސް މިބަލި ކޮންޓްރޯލްކޮށް ދެއްވާފާންދޭވެ...އާމީން

    10