އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ކާރޫބާރޫބޮޑު ސަރަހައްދެއްގައި ދިން ބޮމުގެ ދެ ހަމަލާއެއްގައި 25 މީހަކު މަރުވެއްޖެއެވެ.

ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައިނުވާއިރު މި ހަމަލާތައް ދީފައިމިވަނީ އަފްޣާނިސްތާނުގައި ވޯޓުލުމަށް ރަޖިސްޓްރީކުރަން ކަނޑައެޅިފައިވާ ސެންޓަރެއްގެ ކައިރީގައި ބޮމުގެ ހަމަލާއެއްދީ 60އެއްހާ މީހުން މަރާލިތާ ހަފްތާއެއްވެސް ނުވަނީހެވެ.

މިފަހަރު ދިން ހަމަލާތަކުގެ ތެރެއިން ފުރަތަމަ ހަމަލާ ދީފައިމިވަނީ ސަރުކާރުގެ ޖާސޫސީ އެޖެންސީ އެން.ޑީ.އެސްގެ އިމާރާތް ކައިރީގައެވެ. އަނެއް ހަމަލާދީފައި މިވަނީ އަފްޣާނިސްތާނުގެ ހައުސިންގް މިނިސްޓްރީގެ އިމާރާތް ކައިރީގައެވެ. ފުރަތަމަ ހަމަލާގައި ހަތަރު މީހަކު މަރުވިއިރު ފަސް މީހަކު ޒަހަމްވިކަމަށް އަފްޣާނިސްތާނުގެ އޮފިޝަލުން ވަނީ ބުނެފައެވެ.

އޭގެ ކުޑަ ވަގުތުކޮޅެއްފަހުން ދެވަނަ ހަމަލާދީފައިވަނީ ފުރަތަމަ ހަމަލާގެ ހަބަރު ރިޕޯޓްކުރުމަށް ނޫސްވެރިންތަކެއް އެއްވެގެންތިބި ސަރަހައްދަކަށް އަމާޒުކޮށްފައެވެ. އެ ހަމަލާގައި ނޫސްވެރިންތަކެއްގެ ފުރާނަ ގެއްލިފައިވާއިރު އެތައް ބަޔަކަށް ވަނީ ބޮޑެތި ޒަހަމްތަކެއްވެސް ލިބިފައެވެ.

އަފްޣާނިސްތާނުގެ އޮފިޝަލުން އެ ހަމަލާދީފައިވަނީ ސީދާ ކޮން ބައެއްކަމެއް ހާމަކޮށްފައިނުވާއިރު އެ ހަމަލާދިންކަމަށް އެންމެ ބޮޑަށް ލަފާކުރެވިފައިވަނީ ތާލިބާނުންކަމަށެވެ. އަފްޣާނިސްތާނުގައި އަނެއްކާވެސް އެފަދަ ހަމަލާތައް ދެވޭ މިންވަރު އިތުރުވެފައިވާއިރު އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގާނީ ވަނީ އެއްވެސް ކަހަލަ ޝަރުތަކާއި ނުލައި ތާލިބާނުންނާއިއެކު ސުލްހައިގެ ވާހަކަތައް ބޭއްވުމަށް މިދިޔަ ފެބްރުއަރީ މަހު ހުށަހަޅައިފައެވެ.

އެހެންނަމަވެސް ތާލިބާނުން ވަނީ އެ ހުށަހެޅުމަށް އިންކާރުކޮށް އެ ޖަމާއަތުގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ. ތާލިބާނުންގެ ހަމަލާތަކުގައި މި އަހަރު އެކަނިވެސް އެތައް ސަތޭކަ ބަޔަކު މަރުވެފައިވާކަމަށް ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިމީހުން މައިތިރި ވާނީ ކޯފާ އެއްލެއްވީމަ