ކޮވިޑް-19 ޖެހިގެން ސްޕެއިން އިން އިތުރު 378 މީހަކު މަރުވެއްޖެ އެވެ.

ސްޕެއިން އިން މިއަދު ކޮވިޑް-19 ގެ ޝިކާރައަކަށްވެ އިތުރު 367 މީހަކު މަރުވުމާއެކު މިހާރު މި ބަލީގައި އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 22902 އަށް އަރާފައެވެ.

މިއަދު ސްޕެއިން އިން މުޅިން އަލަށް 3995 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއާއެކު އެޤައުމުން މި ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 223759 އަށް އަރާފައެވެ.

ސްޕެއިން އަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެވެ. އަދި އެޤައުމަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވި ޤައުމުވެސް މެއެވެ. މިހާތަނަށް އެޤައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 95708 މީހެކެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު ސްޕެއިން ގައި ވައިރަސް ޖެހުނު މީހުންގެ ތެރެއިން 7705 މީހެއްގެ ހާލު ސީރިއަސް އެވެ. ފާއިތުވެދިޔަ ދުވަސްތަކަށް ބަލާއިރު އެޤައުމުގައި މި ވައިރަސް ޖެހިގެން ހާލު ސީރިއަސްވާ މީހުންގެ އަދަދު ވަނީ އިތުރުވެގެން ގޮސްފައެވެ. އެހެންކަމުން އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު އަދިވެސް ވަރަށް ބޮޑަށް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވަމުންދާ ޤައުމުތަކުގެ ތެރޭގައި ސްޕެއިން އޮތްއިރު، އެޤައުމުގައި މި ވައިރަސް ފެތުރުން އަދިވެސް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.

މިހާތަނަށް ސްޕެއިން ހިމެނޭހެން ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވައިރަސް ޖެހުނު މީހުންގެ އަދަދު 2855966 އަށް އަރައެވެ. އޭގެތެރެއިން މިހާތަނަށް 198532 މީހަކު މަރުވެފައިވާއިރު، ބަލިން ރަނގަޅުވެފައި ވަނީ 815891 މީހެކެވެ.