ކޮވިޑް-19 ޖެހިގެން އިޓަލީން މިއަދު އިތުރު 415 މީހަކު އަދި ފްރާންސް އިތުރު 369 މީހަކު މަރުވެއްޖެއެވެ.

އިޓަލީން މިއަދު އިތުރު 2357 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. މިއަދަކީ ފާއިތުވި ފަސް ދުވަސް ތެރޭގައި އިޓަލީން އެންމެ މަދުން މީހުން ފައްސިވި ދުވަހެވެ. އިއްޔެ އެގައުމުން 3021 މީހަކު ފައްސިވިއެވެ. އިއްޔެ އިޓަލީން މަރުވި މީހުންނަށްވުރެ މިއަދު މަރުވި މީހުންގެ އަދަދު ވެސް ވަނީ މަދުވެފައެވެ. އިއްޔެ އިޓަލީން 420 މީހަކު މަރުވިއެވެ.

އިޓަލީން މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ ވަނީ 195,351 އަށް އަރާފައެވެ. އޭގެތެރެއިން 26,384 މީހަކު ވަނީ މިހާތަނަށް މަރުވެފައެވެ. އިޓަލީން ބަލި ޖެހުނު މީހުންގެ ތެރެއިން އަދި ބަލިން ރަނގަޅުވީ 63,120 މީހުންނެވެ.

އިޓަލީގެ އެމަޖެންސީ ރެސްޕޯންސް ކޮމިޝަނަރ ޑޮމިނިއޯ އާކްރީ މިއަދު ވިދާޅުވީ މިހާރު ކޮވިޑް-19 ވަނީ ބަލިކޮށްލެވިފައި ކަމަށާއި ނަމަވެސް އަދި ކޮވިޑް-19 ގެ މައްޗަށް އެއްކޮށް ކާމިޔާބު ނުހޯދޭ ކަމަށެވެ.

ފްރާންސުން މިއަދު 1660 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. އިއްޔެ އެގައުމުން ފައްސިވީ 1645 މީހުންނެވެ. އިއްޔެ ފްރާންސުން މަރުވި މީހުންނަށްވުރެ މިއަދު މަރުވި މީހުންގެ އަދަދު މަދެވެ. އިއްޔެ ފްރާންސުން 389 މީހަކު މަރުވިއެވެ. މިއަދަކީ މާޗް މަހުގެ 30 ވަނަ ދުވަހަށް ފަހު ފްރާންސުން އެންމެ މަދުން މީހުން މަރުވި ދުވަހެވެ.

ފްރާންސުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 161,488 އަށް އަރާފައެވެ. އޭގެތެރެއިން ބަލިން ރަނގަޅުވީ 22,614 މީހުންނެވެ. ފްރާންސުން ބަލި ޖެހުނު މީހުންގެ ތެރެއިން 44,594 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު