ސައުދީ އަރަބިއްޔާގައި ހައްދު ޖެހުން މަނާކޮށްފި ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށް، އަރަބި ގައުމުތަކުގެ ނޫސްތަކުން ބުނެފިއެވެ.

ހުޅަނގުގެ މީޑިއާތަކުން ފާއިތުވި ދެދުވަހު ފަތުރަމުން އައި ޚަބަރެއްގައި ބުނެފައި ވަނީ ސައޫދީގައި ހައްދުޖެހުން އެއްކޮށް ހުއްޓާލުމަށް ނިންމައި ސައޫދީ ސުޕްރީމް ކޯޓުން އެކުލަވާފައިވާ ޝަރުޢީ ވަޘީޤާ "ޖުޑިޝަލް ޑޮކިއުމެންޓް" އެއްގައި ސައޫދީގައި މީގެފަހުން ހައްދު ޖެހުން އެއްކޮށް ހުއްޓާލި ކަމަށް ބުނެފައިވާ ކަމަށެވެ. ހައްދު ޖަހަންޖެހޭ ހާލަތްތަކުގައި ހައްދު ޖެހުމުގެ ބަދަލުގައި ދެން ކޯޓުތަކުން ކަނޑައަޅާނީ އެއަދަބަކާ އެކަށޭނަ ވަރުގެ ޖަލު ހުކުމްތަކާއި ފައިސާގެ ޖޫރިމަނާތައް ކަމުގައި ވެސް ހުޅަނގުގެ މީޑިއާތަކުން ބުނެފައި ވެއެވެ.

ނަމަވެސް ސައުދީ އަރަބިއްޔާ އިން ހުއްޓާލާފައި ވަނީ އިސްލާމް ދީނުގައި ހައްދުގެ އަދަބު ކަނޑައެޅިފައިވާ ކުށްތައް ފިޔަވައި އެހެން ކުށްތައް ކުރާ މީހުންނަށް ދުއްރާއިން އަދަބު ދިނުން ހުއްޓާލުމުގެ ނިންމުމެކެވެ. މިފަދަ އަދަބު، ނުވަތަ ތައުޒީރީ އަދަބު ތަކަކީ އިސްލާމީ ޝަރީޢަތުގައި ޤާޒީއަށް އިޚްތިޔާރު ދެވިފައި އޮންނަ އަދަބުތަކެވެ.

ކުރިއަށް އޮތްތަނުގައި ވެސް އިސްލާމްދީނުގައި ހައްދު ޖަހަން އަންގަވާފައިވާ ކުށްތަކުގައި ކުރިއެކޭ އެއްގޮތައް ހައްދު ޖެހުމުގެ އަދަބު ސައުދީ އަރަބިއްޔާ އިން ދެމުން ގެންދާނެއެވެ.

ސައުދީ އަރަބިއްޔާގައި ސަރުކާރުގެ އެންގުންތަކަށް ތަބާނުވާ މީހުންނަށް ވެސް "ޖެހުމުގެ އަދަބު" ދެމުން އާދެއެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި މިފަދަ އެންގުން ތަކަށް ތަބާނުވާ މީހުންނަށް ޖެހުމުގެ އަދަބު ދިނުމުގެ ބަދަލުގައި އެމީހުންނަށް އަންނާނީ ޖޫރިމަނާ ނުވަތަ ޖަލު ޙުކުމް ނުވަތަ ޖޫރިމަނާއާއި އެކު ޖަލު ޙުކުމެކެވެ.

ފަހަކަށް އައިސް ސައުދީ އަރަބިއްޔާގެ ބައެއް ކަންކަމަށް ވަނީ ގިނަ ބަދަލުތަކެއް ގެންނަން ފަށާފައެވެ. އެގޮތުން އަންހެނުންނަށް ކާރު ދުއްވަން ހުއްދަ ދިނުމާއި، މުނިފޫހިފިލުވުމުގެ ބައެއް ހަރަކާތްތައް ކުރިއަށް ގެންދިއުން ފަދަ ކަންކަން ފާހަގަ ކުރެވެއެވެ.