1930 ވަނަ އަހަރުގެ ތެރޭގައި އިސްރާއިލަށް ނިސްބަތްވާ ބެން ޒިއޮން ނަމަަކަށް ކިޔާ މީހަކު ވަނީ މެދުއިރުމައްޗަށް ގޮސް ކަދުރު ރުށްތަކެއް ކަަނޑާފައެވެ. ކިނެރެތު ކިބަޓްޒްގެ ފައުންޑަރ މެމްބަރެއް ކަމަށްވާ ޒިއޮން ވަނީ އެ ރުށްތަށް ޤަވައިދާއި ޚިލާފަށް މެދު އިރުމަތީގެ ޤައުމުތަކުން ބޭރުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން އޭނާ ދިޔަ ޤައުމުތަކުގެ ތެރޭގައި އިރާގް، ޕާރސިއާ އަދި މިސްރު ހިމެނެއެވެ. އެ ގައުމުތަކުގައި ކަދުރަކީ ޤައުމީ ތަރިކައަކަށް ވުމާއިއެކު ކަދުރު ރުށް އެ ޤައުމުތަކުން ބޭރުކުރުން ވަނި މަނާކޮށްފައެވެ.

އެހެންނަަމަވެސް ގަވާއިދާއި ޚިލާފަށް ބޭރު ކުރި ކަދުރު ރުށްތަކުގެ އެހީގައި އިސްރާއިލްގެ ބިމުގައި ކަދުރު ދަނޑުތައް ވަނީ ހައްދާފައެވެ. އިސްރާއިލުގެ އިރުމައްޗާއި ދެކުނުގައި އެރުށްތައް އިންދާފައި ވާއިރު އެއްބައިގައި ހުރީ "ރެޑް ސީ" އާއި "ޑެޑް ސީ"ގެ ހިސާބުތަކުން ގެނައި ކަދުރެވެ. އަނެއް ބައިގައި ހުރީ "ގަލިލީ ސީ"ގެ ހިސާބުތަކުން ގެނައި ކަދުރެވެ.

މި ސަބަބާއިހުރެ އިސްރާއިލްގެ ކަދުރު އިންޑަސްޓްރީއަށް ވަނީ "ތިން ކަނޑުގެ އިންޑަސްޓްރީ"ގެ ނަމުން ނަން ދެވިފައެވެ.

1967ގައި އިސްރާއިލުން ފަަލަސްތީންގެ ހުޅަނގު އައްސޭރި ހިފުމަށްފަހު، ޖޯޑަން ވެލީގައި ހުރި ކަދުރު ދަނޑުތަކަށް ވެސް އެ ގައުމުން ވަނީ ވެރިވެގަނެފައެވެ.

އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އިން 2017 ވަނަ އަަހަރު އާއްމު ކުރި ހިސާބުތަކުން ދައްކާގޮތުން، އިޒްރާއިލުން 136،956 ޓަނުގެ ކަދުރު އަހަރަކު އެކްސްޕޯޓްކުރެއެވެ. އެއީ 181.2 މިލިއަން ޑޮލަރުގެ އަގުހުރި ކަދުރެވެ.

މި އިންޑަސްޓްރީގެ ބޮޑު ބައެއް ކުރިއަށް ދަނީ ގަވާއިދާއި ޚިލާފަށް ކަމަށް ވުމާއި، އެތައް ޒަމާނެއް ވަންދެން އިސްރާއިލްގެ ދުއްތުރާލާއި ފަލަސްތީނަށް ކުރިމަތިވެފައި ވުމާއި އެކު، ފަލަސްތީނަށް އެއްބާރުލުން ދިނުމަށް މި ރޯދަ މަހު އެމެރިކާގެ މުސްލިމުން މި ވަނީ އިސްރާއިލްގެ ކަދުުރު ގަތުން ހުއްޓާލާފައެވެ.

އެމެރިކާ އަކީ އިސްރާއީލްގެ ކަދުރު އެންމެ ގިނައިން އިމްޕޯޓް ކުރާ އެއް ގައުމެވެ.

އިސްރާއިލްގެ ކަދުރު އިންޑަސްޓްރީގެ 40 އިންސައްތަ އަކީ ގަވާއިދާއި ޙިލާފަށް ހޯދާފައިވާ ބިންތަކުގައި ގަވައިދާއި ހިލާފަށް ހޯދި ރުއްތަކުން ހައްދާފައިވާ ކަދުރެވެ. ކަދުރު ދަނޑުތަކުގައި މަސައްކަތް ކުރުވާ ފަލަސްތީން މީހުންނަށް އިސްރާއީލުން ދެނީވެސް މަދު ފައިސާކޮޅެކެވެ. އަދި ފަލަސްތީނުގެ ކުޑަކުދިން ލައްވާ ކަދުރު ދަނޑުތަކުގައި ވަރަށް ބުރަކޮށް މަސައްކުރުވައެވެ.

މި ތަންތަނުގައި ކަދުރު ބިންނަން އުޅުމަކީ ނުރައްކާތެރިކަމެކެވެ. މަސައްކަތް ކުރާ މީހުން އުސް ހަރުގަނޑުތަކުގައި އެތައް އިރެއް ވަންދެން މަސައްކަތް ކުރާ އިރު، އާދަޔާ ޚިލާފް ހޫނުމިނެއްގައި މަސައްކަތް ކުރަން އޮންނަނީ މަޖުބޫރުވެފައެވެ. މިކަމުގެ ސަބަބުން ހީޓް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. މަަސައްކަތްތެރިންނަށް އަނިޔާވުމުން އެކަށީގެންވާ ސިއްހީ އެހީތެރިކަމެއް ނުލިބޭތާގައި، އެތައް އިރެއް ވަންދެން ގެއަށް ނުގޮސް މަސައްތުގައި އުޅެން ވަނީ މަޖުބޫރުކޮށްފައެވެ.

އިސްރާއިލުން ހަމައެކަނި ކުރާ ކަމަކީ ފޭރިގެންފައިވާ ބިމުގައި ނިކަމެތި ފަލަސްތީނުގެ އާއްމުން ލައްވާ ގަދަކަމުން މަސައްކަތް ކުރުން އެކަންޏެއް ނޫނެވެ. އެ މީހުން ފަލަސްތީނުގެ އަވަށްތަކަށް ފެން ލިބުން ބަންދުކުރުވާ، ފެނަށް އާދޭސް ކުރަން ފަލަސްތީން ރައްޔިތުންނަށް މަޖުބޫރުވެސް ކުރުވައެވެ.

އިސްރާއިލްގެ ކަދުރު ބޮއިކޮޓްކުރަން ފުރަތަމަ ގޮވާލީ އެމެރިކަން މުސްލިމްސް ފޯ ފަލަސްތީނުންނެވެ. އެ ގޮވާލުމަށް އިޖާބަދީ ނިއު ޖަރޒީ، ނިއުޔޯކް، ޑެޓްރޮއިޓް، މިނެސޯޓާ، ޗިކާގޯ އަދި އެކްރެމެންޓޫ އާއި ޑީސީ، ފިލެޑާފިއާގައި ވެސް މި ގޮވާލުމަށް ވަނީ އިޖާބަދީފައެވެ.

ދިރާސާތައް ދައްކާގޮތުން ފާއިތުވި ދެ އަހަރުވެސް އިސްރާއިލް ކަދުރު ބޮއިކޮޓްކުރަމުން ދިއުމާއި އެކު، އިސްރާއިލްގެ ކަދުރަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ. އެމެރިކާގެ މުސްލިމުންގެ އިތުރުން އެހެން ގައުމުތަކުގެ މުސްލިމުން ވެސް އިސްރާއީލްގެ ކަދުރު ބޮއިކޮޓް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުއްލަޠީފު

    ދިވެހިންނުކުރާނެ. މި ލިޔުން ޝެއަރ ކުރީމަ ލައިކް ދެނީވެސް 3-2 މީހުންކަން ހިތާމަޔާ އެކު ފާހަގަ ކުރަމެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީނުގެ ބޮލުގައި ދަޅެއް ފޮޓޯޝޮޕް ކޮށްފަ ލައިފިނަމަ އެމްޑީޕީ ކުދިން ހީވާނީ އިނގިލިތައް މުނިމުނި ކަވައިގެން އުޅޭ ބަޔަކު ހެންނެވެ. ބަލަހައްޓައިގެން ހުއްޓާ އެހެރަގޮސް 5ކޭ ހަމަކުރަނީ އެވެ. 2.5ކޭ ޝެއަރް ކުރަނީ އެވެ. ފަލަސްޠީނުގެ ނިކަމެތި ކުދިންނަށް އިޒްރޭލުން ދޭ އަނިޔާ ތަކަށް ހަމަ އަޅާކަހަވެސްނުލާ ތިބޭތަން ފެނެއެވެ. މިބާވަތުގެ ހުރިހާ ލާއިންސާނިއްޔަތުގެ ސަބަބުން ދިރިއުޅުން ބޮޑުވޭނަކަށް ވީ މީހުންގެ ދުޢާ އެމީހުންގެ ވެރި ރައްބު އައްސަވައި ވޮޑިގެންފިއެވެ. ދެން ހިތާމަ ނުކުރާށެވެ. ކުރިންމަރުވާނީ ކާކު ކޮންތާކު ކިހިނެއްކަމެއް ހަމަ އެކަކަށްވެސް އެގުމެެއްނެތެވެ. ދިވެހިންނަކަށް ބޮއިކޮޓް ވަކިއެއްޗެއް ނުވެސް އެގޭނެއެވެ. ބުނެލާނީ ހަމައެކަނި މަގޭދަރި ތިޔަ ކަދުރު ނޫނީ ނުކާނެ. ދެން އަހަރެން ކީއްކުރާނީ؟ ބުނަން ބަނޑުހައިވީމަ އިންސާނާ ފަތްޕިލާވެލިވެސް ކާނެ. ނުދެކެންތަ ބޭބީ ކުދިން ފިރުކެންފަށާ ދުވަސްވަރު ފެންނަ ކޮންމެ އެއްޗެއް އަނގަޔަށްލާތަނެއް؟ އެއީ އަސްލަކީ. މިކޮމެންޓް ޖަހާދޭނެބާ؟

    53
    22
  2. މުހައްމަދު ޝަފީގު

    އަމެރިކާ މުސްލިމުން ނެއް ނޫން މުޅި ދުނިޔޭގެ ހުރިހާ މުސްލިމުން އިޒްރޭލުގެ ހުރިހާ އުފެއްދުން ތައްވެސް ބޮއިކަޓް ކުރަން ޖެހޭ