ކޮވިޑް-19ގެ ސަބަބުން ސްޕެއިންގައި އަޅާފައިވާ ފިޔަަވަޅުތައް ލުއިކޮށް، ކުޑަކުދިންނަށް ގެއިން ބޭރަށް ކުޅެން ދެވޭގޮތަށް ހުއްދަ ދީފިއެވެ.

މިއީ 6 ހަފްތާ ފަހުން އެގައުމުގެ ރައްޔިތުންނަށް ބޭރަށް ނުކުމެ އުޅުމަށް ދެވުނު ފުރަތަމަ ހުއްދައެވެ. އެގައުމުގެ ސަރުކާރުން ބުނެފައިވަނީ މެޑްރިޑްގައި ކުޑަކުދިންނަށް (14 އަހަރާއި ހަމައަށް) މަންމަ ނުވަތަ އާއިލާ މީހަކާއި އެކީ ދުވާލަކު އެއް ގަޑިއިރަށް ކުޅެން ބޭރަށް ނުކުމެވޭނެ ކަމަށެވެ.

ސަރުކާރުން އާންމު ކޮށްފައިވާ ގައިޑްލައިންގައި ބުނެފައިވަނީ ކުޑަކުދިން އެގޮތަށް ކުޅެން ބޭރަށް ނުކުންނައިރު، 3 މީހުނަނަށްވުރެ ގިނަ މީހުން އެކީ ތިބެގެން ނުވާނެ ކަމަށެވެ. އަދި އެމީހުން ދިރިއުޅޭ ގެއާއި 1 ކިލޯމީޓަރަށްވުރެ ދުރަށް ގޮސްގެން ނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެގައުމުގެ ސަރުކާރުން މިގޮތަށް ނިންމާފައިވަނީ ކޮވިޑް-19 ޖެހިގެން އެގައުމުން މަރުވާ މީހުންގެ ނިސްބަތް މަދުވުމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު އެގައުމުގެ މަރުވެފައިވަނީ 288 މީހެކެވެ. މިއީ ފާއިތުވި 1 މަސް ދުވަހުގެ ތެރޭގައި އެގައުމުން އެންމެ މަދު ބަޔަކު މަރުވި ފަހަރެވެ.

ސްޕެއިންއިން މަރުވާ މީހުންގެ ނިސްބަތް މަދުވާނަމަ އެގައުމުގެ މީހުންނަށް ބޭރަށް ނުކުތުމުގެ ހުއްދައާއި، އާއިލާއާއި އެކީ ހަވީރު ހިނގާލަން ދިއުމުގެ ހުއްދަ ދެވޭނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ސްޕެއިންގައި މިހާތަނަށް 2 ލައްކައަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އެގައުމުން މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 22،902 އަށް އަރާފައެވެ. ސްޕެއިން އަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ މީހުން ފައްސިވެ، 3 ވަނަ އަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވެފައިވާ ގައުމެވެ.