ނުރައްކާތެރި ކޮވިޑް-19 ކޮންޓްރޯލްވުމެއް ނެތި ފެތުރެމުން ދާތީ އެމެރިކާގެ ކެލެފޯނިއާގައި އާންމުން ގެއިން ބޭރަށް ނުނިކުތުމަށް އަންގައި ފުރަބަންދުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް، އެ ސްޓޭޓަށް އާދަޔާއި ޚިލާފަށް ހޫނުގަދަވުމުން ގިނަ ބަޔަކު އެ އެންގުމާއި ޚިލާފުވެ މޫދަށް ދާން ފަށައިފިއެވެ.

ނޫސްތައް ބުނާގޮތުން މިހާރު އެ ސަރަޙައްދަށް ހޫނު ދުވަސްވަރަކާއި ދިމާވެ ހޫނުމިން އިންތިހާއަށް މަތިވަމުންދާތީ ހުކުރު ދުވަހުން ފަށައިގެން އެ ސްޓޭޓުގެ އެކި ސަރަޙައްދުތަކުގެ ގޮނޑުދޮއްތަކަށް މީހުން ދަނީ ޖަމާވަމުންނެވެ. މިއާއެކު ރައްކާތެރިކަމަށްޓަކައި މި ދުވަސްވަރު އަޅަން އަންގާފައިވާ ފިޔަވަޅުތަކަށް ގިނަ ބަޔަކު ބޯނުލަނބާ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.

ނޫސް އިދާރާތަކުން ބުނާގޮތުގައި މިދިޔަ ހުކުރު ދުވަހާއި އިއްޔެ އެކަނިވެސް ކެލެފޯނިއާގެ ނިއުޕޯޓް ބީޗަށް 40000 އެއްހައި މީހުން ގޮސްފައި ވެއެވެ. އަދި މިކަމުގެ ސަބަބުން އެ ސަރަޙައްދު ތޮއްޖެހި ގައިދުރުކަމުގެ ފިޔަވަޅުތައް ނޭޅި، ކޮވިޑް-19 ގެ ނުރައްކާ އިތުރަށް ބޮޑުވެދާފަދަ ހާލަތަކަށް ގޮސްފައިވާ ކަމަށް އެ އިދާރާތަކުން ބުނެއެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ޚިލާފުވެ ގިނަ ބަޔަކު ކެލެފޯނިއާގެ ގޮނޑުދޮއްތަކަށް ޖަމާވަމުން ދާއިރު، ބައެއް މީހުން މާސްކު އަޅައިގެން ތިބި ނަމަވެސް ގިނަ ބަޔަކު އެއްވެ އުޅުމުން ނުރައްކާ ކުޑަނުވާ ކަމަށެވެ.

ހޫނުގަދަވުމުން ކެލެފޯނިއާގެ ގޮނޑުދޮއްތަކަށް ގިނަ ބަޔަކު ޖަމާވަމުން ދާއިރު، އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ ގަވަރުނަރު މީގެ ކުރިން ވަނީ އެސްޓޭޓުގެ ގޮނޑުދޮއްތަކާއި ޕާކުތައް އަލުން ހުޅުވާލާފައެވެ. އޭނާ އެގޮތަށް ނިންމާފައިވަނީ ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ސިއްޙީ އިދާރާތަކުން އެފަދަ ފިޔަވަޅެއް ނޭޅުމަށް އެދެމުންދިޔަ ދަނޑިވަޅެއްގައެވެ.

އެމެރިކާއަކީ ދުނިޔެއިން ކޮވިޑް-19 އެންމެ ބޮޑުވެފައިވާ ޤައުމެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 960896 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 54265 މީހަކު ވަނީ މަރުވެފައެވެ. އެމެރިކާގެ ކެލެފޯނިއާއަކީ މިހާތަނަށް އެ ޤައުމުން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހިފައިވާ ސްޓޭޓެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލޮކްޑައުން

    ތިއޮތީ ލޮކްޑައުން ނިމިފައި. މިގައުމުގައިވެސް ލޮކްޑައުން ނިމޭނީ ތިހެން.

    3
    2
    • ސަފް

      މި ގައުމު ގަ ލޮކް ޑައުން އެއް އެބައޮތް ތަ .. މަގު މަތިން މީހުން ހުހެއް ނުވެ

  2. ފައްސި

    އަދިވެސް ދުވޭ ތަންތަނަށް

  3. ފަނޑިޔާރު

    އަދިވެސް ދުވޭ ތަންތަނަށް

  4. ފަނޑިޔާރު

    އަދިވެސް ދުވޭ ތަންތަނަށް. ޅޮލޮ