ޖަޕާންގެ އިތުރުގެ ސަރަޙައްދަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

މި ބިންހެލުން އައިސްފައި ވަނީ އެޤައުމުގެ އެންމެ އުތުރުގެ ސަރަޙައްދުގައި އޮންނަ ޖަޒީރާ ރަށެއް ކަމަށްވާ ހޮކައިޑޯއަށް މީގެ އިރުކޮޅެއް ކުރިންނެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާ، ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވަނީ މި ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 5.0 ގެ ބާރުމިނުގައި ކަމަށެވެ.

އެ އިދާރާއިން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައީ ހޮކައިޑޯގެ ބިމުގެ 30 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމާއި ގުޅިގެން ހޮކައިޑޯއަށް ލިބުނު ގެއްލުމެއް، ނުވަތަ ބިންހެލުމުގައި މީހަކަށް އަނިޔާއެއް ވިކަމެއް މިހާތަނަށް ނޫސްތަކުން ހާމަކޮށްފައެއް ނުވެއެވެ.

މިހާތަނަށް މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރެއްވެސް ނެރެފައި ނުވެއެވެ.

ޖަޕާނަކީ ގިނަ ބިންހަލުން އަންނަމުންދާ ޤައުމެކެވެ. މިފަދަ ބިންހަލުންތައް ގިނަވުމަކީ ބާރުގަދަ ބިންހެލުމެއް އަންނާން އުޅޭކަމުގެ ނިޝާނެއް ކަމަށް ސައިންސްވެރިން ކުރިން ބުނެފައި ވެއެވެ.