ކޮވިޑް-19 އާއި ދެކޮޅަށް ކުރި ހަނގުރާމަ ކާމިޔާބު ވެއްޖެ ކަމަށާއި، މިހާރު އަމާޒަކީ ގައުމު ފަތުރުވެރިންނަށް ހުޅުވާލުން ކަމަށް ދެކުނު ކޮރެއާ އިން ބުނެފިއެވެ.

ދެކުނު ކޮރެއާ އިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ފެބްރުއަރީ މަހުގެ ކުރީކޮޅު އެވެ. އެއް ދުވަސް ތެރޭގައި މަރުވި މީހުންގެ އަދަދު 909 އަކަށް ވެސް އެގައުމުގައި އެރިއެވެ. ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ފެބްރްއަރީ މަހު ފަހުކޮޅު މަދުވުމަށް ފަހު މާޗް މަހު އަނެއްކާވެސް ބަލި ވަރަށް ބޮޑަށް ފެތުރިގެން ދިޔައެވެ.

ނަމަވެސް ޓެސްޓް ކުރުން އިތުރުކޮށް، ބަލި ޖެހިފައިވާ މީހުން އެކަހެރިކޮށް، އިޖުތިމާޢީ ގައިދުރުކަން ތަންފީޒު ކުރަން އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން މިހާރު ދެކުނު ކޮރެއާގައި ވަނީ ބަލި ކޮންޓްރޯލް ވެފައެވެ. މިދިޔަ ހަފްތާއެއްގައި ދުވަހު އެގައުމުން ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ދިހައަކަށް ވުރެ ވެސް މަދުވެފައެވެ.

އުތުރު ކޮރެއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެގައުމުން މިހާރު ތައްޔާރުވަމުން ދަނީ ބައިނަލްއަޤުވާމީ ދަތުރުވެރިންނަށް ގައުމު ހުޅުވާލާށެވެ. ނަމަވެސް އަދި ދަތުރުވެރިންނަށް ގައުމު ހުޅުވާލާނެ ސީދާ ތާރީޚެއް ހާމައެއް ނުކުރެއެވެ.

އުތުރު ކޮރެއާގެ އިތުރުން ވިއެޓްނާމް އިން ވެސް މިހާރު ވަނީ މިހަފްތާގައި ޑޮމެސްޓިކް ދަތުރުތައް ފަށަން ނިންމާފައެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާ އިން ވެސް މިހާރު ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރަން އެޅި ގިނަ ފިޔަވަޅުތައް އުވާލާފައެވެ. ނަމަވެސް ކޮވިޑް-19 ގެ އަލާމާތްތައް ހުންނަ މީހުން ދެނެގަތުމަށް ރެއިލްވޭ ސްޓޭޝަންތަކާއި، ސޮޕިން މޯލްތަކާއި އަދިވެސް މީހުން އެއްވާ ގިނަ ތަންތަނުގައި ޗައިނާ އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު