އިސްރާއީލާއި ހުރިހާ ގުޅުމެއް ކަނޑާލަން ފަލަސްތީނުން ތައްޔާރުވެއްޖެއެވެ.

އެގޮތުން ފަލަސްތީނުން އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުން މެދުކަނޑާލުމަށް މަޝްވަރާ ކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީސް ކަމުގައިވާ ޕެލެސްޓީނިއަން ލިބަރޭޝަން އޮގަނައިޒޭޝަން ވަނީ ނިންމާފައެވެ.

ނޭޝަނަލް ކައުންސިލުން ގެ ބައްދަލުވުން އަންނަ ހަފްތާގައި ބާއްވަން ނިންމާފައިވާއިރު މި ބައްދަލުވުގައި އިސްރާއީލާއި ގުޅޭ މައްސަލަތަކާއި ފަލަސްތީނުގެ ސިޔާސީ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރާނެއެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރަން ހަމަޖެހިފައިވަނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކާއި ގުޅޭ ކަންކަން ބަލާނެ އިދާރާ އަލުން ހަމައަކަށް އެޅުވުމާއި ގުޅޭ ގޮތުންނެވެ.

މި ބައްދަލުވުމަކީ ފަލަސްތީނުގެ ސިޔާސީ މަސްރަހްގެ މިސްރާބު ބަދަލުކޮށްލާނެ ބައްދަލުވުމަކަށް ވާނެ ކަމަށް މުރާސިލުން ބުނެއެވެ.

މި ބައްދަލުވުން ބާއްވަން ނިންމާފައި ވާއިރު މާޗް 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ހުކުރު ދުވަހަކު ޣައްޒާ ގުޅޭ ރޮގު ކައިރިއަށް އެތައްހާސް އާންމުން އެއްވެ ކުރަމުންގެންދާ މުޒާހަރާތަކުގެ ތެރެއަށް އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖަހައި މިހާތަނަށް ފަލަސްތީނުގެ 45 މީހުން ޝަހީދު ކޮށްލާފައި ވާއިރު، އެތައްސަތޭކަ ބަޔަކު ޒަޚަމް ކޮށްލާފައި ވެއެވެ.

ފަލަސްތީނުގެ ހެލްތް ވުޒާރާއިން ބުނާ ގޮތުގައި މުޒާހަރާގައި ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 6,000 އަރާފައެވެ. އަދި 79 މީހަކު ވަނީ ސީރިއަސް ހާލަތުގައި އެވެ.

މުޒާހަރާ ރޫޅާލުމަށް ބަޑި ޖެހުމުގެ އިތުރުން މުޒާހަރާ ރޫޅާލަން އިސްރާއީލް ސިފައިން ވަނީ ގިނަ އަދަދަކަށް ކަރުނަގޭސް ވެސް ޖަހާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުންދަނީ، މި މުޒާހަރާއަކީ ފެންސު ފަޅާލާފައި އިސްރާއީލުގެ ތެރެއަށް ހަނގުރާމަވެރިން ވަނުމަށް ނުވަތަ އިސްރާއީލަށް ހަމަލާތައް ދިނުމަށް ފަރުދާއަކަށް ކުރަމުންދާ ކަމެއް ކަމަށެވެ.

ފަލަސްތީނު ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ އަމިއްލަ ގެދޮރުން ނެރެ ރެފިއުޖީންނަށް ހަދާފައިވާ ފަލަސްތީން ރައްޔިތުންނަށް އެނބުރި އަމިއްލަ ވަޒަނަށް ދެވޭނެ ގޮތް ހަދައިދިނުމަށް ގޮވާލައެވެ.

ކިޔުންތެރިންގެ ހިޔާލު