ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވެ ފަރުވާދެމުން ދަނިކޮށް، ސައުދީ އަރަބިއްޔާގައި އިންޑިއާގެ ދިހަ މީހަކު މަރުވެއްޖެ ކަމަށް އެޤައުމުގެ ނޫސްތަކުން ހާމަކޮށްފިއެވެ.

މިހާތަނަށް ސައުދީގައި ކޮވިޑް-19 ޖެހިގެން މަރުވި 139 މީހުންގެ ތެރޭގައި އިންޑިއާއަށް ނިސްބަތްވާ ދިހަ މީހަކު ހިމެނޭކަން އިދާރާތަކުން ހާމަކޮށްފައި ވާއިރު، މި މީހުންނަކީ އެޤައުމުގައި ވަޒީފާއަދާކުރަމުންދިޔަ މީހުން ކަމަށް ނޫސްތައް ބުނެއެވެ.

މި ދިހަ މީހުންގެ ތެރެއިން ހަތަރު މީހަކު މަރުވެފައިވަނީ މަދީނާގައި ކަމަށާއި، ތިން މީހަކު މައްކާގައި މަރުވިއިރު، ދެ މީހަކު ޖިއްދާ އަދި އެކަކު ރިޔާދުގައި މަރުވެފައިވާ ކަމަށް ސައުދީގެ ނޫސްތައް ބުނެއެވެ. ސައުދީގެ ނޫސްތަކުން މިހާރު ވަނީ މި މީހުންގެ ފޮޓޯ އާއި މަޢުލޫމާތު އާންމު ކޮށްފައެވެ.

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނަ ސައުދީގައި ވެސް މި ވައިރަސް ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އެޤައުމުން 1223 މީހަކަށް މި ބަލި ޖެހިފައި ވެއެވެ. އެއާއެކު މިހާރު އެޤައުމުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 17522 އަށް އަރާފައެވެ. މީގެ ތެރެއިން ތިން މީހަކު އިއްޔެ މަރުވެފައި ވެއެވެ.

ސައުދީގެ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް އެޤައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 2357 މީހެކެވެ. މިއީ އެޤައުމުގައި ބަލި ޖެހުނު މީހުންގެ އަދަދަށް ބަލާއިރު ނިސްބަތުން މަދު އަދަދެއްކަމުން، އަދިވެސް މި ވައިރަސްގެ ނުރައްކާ އެޤައުމުގައި ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. މިހާތަނަށް އެޤައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 115 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.

ކިޔުންތެރިންގެ ހިޔާލު