ނުރައްކާތެރި ކޮވިޑް-19 ފެތުރެމުންދާތީ ޖަރުމަންވިލާތުގެ އެކި ސަރަޙައްދުތަކުގައި ފުރަބަންދުގެ ފިޔަވަޅުތައް އަޅަމުން ގެންދާތީ އެކަމާއި ހިތްހަމަނުޖެހިގެން އެޤައުމުގެ ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާކޮށްފިއެވެ.

ފުރަބަންދުގެ މި ޙާލަތުގައި އެއްވެ އުޅުންވެސް މަނާކޮށްފައި ވަނިކޮށް އިއްޔެ އެޤައުމުގައި ހާހެއްހައި މީހުން ވަނީ މަގުތަކަށް އެއްވެ މުޒާހަރާކޮށްފައެވެ. އިއްޔެ ކުރި މުޒާހަރާއަކީ މީގެ ހަފްތާއެއްހައި ދުވަސް ކުރިން ފެށިގެން، ފުރަބަންދުގެ ފިޔަވަޅުތަކާއި ދެކޮޅަށް އަޑުއުފުލަމުން ދިޔަ ބަޔަކު އިސްވެތިބެ ކުރި މުޒާހަރާއެކެވެ.

ޖަރުމަންވިލާތުގެ ވެރިކަންކުރާ ބާލިންގެ މަގުމަތުގައި އިއްޔެ މުޒާހަރާތައް ކުރިޔަށް ގެންގޮސްފައިވާއިރު، މުޒާހަރާގެ ބައިވެރިން ގޮވާލާފައި ވަނީ ފުރަބަންދުގެ ފިޔަވަޅުތަކާއި ގުޅިގެން ގިނަ ދަތިތަކެއް ދިމާވަމުންދާތީ އެ ފިޔަވަޅުތައް އުވާލުމަށެވެ. އެފަރާތްތަކުން ވަނީ މިފަދަ ޝުޢޫރުތައް ފާޅުކޮށް ލިޔުންތައް ލިޔެފައިވާ ޕޯސްޓަރުތައްވެސް މި މުޒާހަރާގައި ބޭނުންކޮށްފައެވެ.

ނޫސްތައް ބުނާގޮތުގައި މި މުޒާހަރާ ކުރިޔަށް ދިޔަ ވަގުތު މުޒާހަރާގެ ގިނަ ބައިވެރިން ތިބީ ވައިރަސް އިން ރައްކާތެރިވުމަށް ބޭނުންކުރާ މާސްކު އަޅައިގެންނެވެ. ނަމަވެސް އެފަރާތްތަކުން މުޒާހަރާގައި ގައިދުރުކަމަށް ސަމާލުކަން ދީފައިނުވާކަން ނޫސްތަކުން ފާހަގަކުރެއެވެ.

ކޮވިޑް-19ގެ ނުރައްކަލާއި ގުޅިގެން ޖަރުމަންވިލާތުގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅާފައިވާއިރު، އެޤައުމަކީ މި ވައިރަސްގެ ނުރައްކާ އެންމެ ބޮޑު އެއް ޤައުމެވެ. އެގޮތުން ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު މިހާތަނަށް މި ބައްޔަށް ފައްސިވެފައިވަނީ ޖަރުމަންވިލާތުންނެވެ.

އެޤައުމުން މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 152177 އަށް އަރާފައި ވާއިރު، އޭގެތެރެއިން 5913 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް ޖަރުމަންވިލާތުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 112000 މީހަކު ބަލިން ރަގަޅުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. އަދި 2570 މީހަކަށް ފަރުވާދެމުންދަނީ ސީރިއަސް ހާލުގައި ކަމަށް އެއިދާރާތަކުން ބުނެއެވެ.

ޖަރުމަންވިލާތުގެ އިތުރުން ދުނިޔޭގެ އެހެން ގިނަ ޤައުމުތަކުގައި ވެސް ކޮވިޑް-19 އާއި ގުޅިގެން ގިނަ ފިޔަވަޅުތައް އަޅަމުން ދެއެވެ. މީގެ ކުރިން މިގޮތަށް އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް ބްރެޒިލްގައި ވެސް މުޒާހަރާކޮށްފައި ވެއެވެ. އެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔައީ ބްރެޒިލްގެ ރައީސް، ޖައިރު ބޮލްސޮނާރޯ އެވެ.