އިސްރާއިލް ގައި ގިނަ ބަޔަކު، އެޤައުމުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ އާއި ދެކޮޅަށް މުޒާހަރާ ކޮށްފިއެވެ.

ނޫސްތައް ބުނާގޮތުގައި އެފަރާތްތަކުން ނަތަންޔާހޫ އާއި ދެކޮޅަށް މުޒާހަރާ ކޮށްފައި ވަނީ، އޭނާ އާއި ދެކޮޅަށް ޤާނޫނާއި ޚިލާފު ގިނަ ކަންކަން ހިންގާފައިވާ ކަމުގެ ގިނަ ތުހުމަތުތައް ކުރެވިފައިވާ މި ދަނޑިވަޅުގައި ވެސް ވެރިކަމުގައި ހުރުމުގެ ފުރުސަތު ދީފައި ވުމުން އެކަމާއި ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

އިސްރާއިލްގެ އެންމެ މައި އެއް ސިޓީ ކަމަށްވާ ތެލް-އަވިވްގެ "ރޮބިން ސްކެއާ" އަށް ގިނަ ބަޔަކު އެއްވެކުރި މި މުޒާހަރާގައި ގިނަ ބަޔަކު ނަތަންޔާހޫ، އޭނާގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމަށް ގޮވާލާފައިވެއެވެ. އެފަރާތްތަކުން ބުނެފައިވަނީ އޭނާ އަކީ ކުށްވެރިއެއް ކަމަށާއި، އެފަދަ މީހަކަށް ވެރިކަމުގައި ހުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

ނަތަންޔާހޫ އިސްރާއިލްގެ ވެރިކަމަށް އައިފަހުން އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވިފައި ވެއެވެ. އެގޮތުން ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވުމުގެ ތުހުމަތާއި ކަރަޕްޝަންގެ ތުހުމަތާއި މަނީލޯންޑްރިންގެ ތުހުމަތުތައް ވެސް ކޮށްފައި ވެއެވެ. އިސްރާއިލްގައި އޭނާ އާއި ދެކޮޅަށް ގިނަ ބަޔަކު އެއްވެ މުޒާހަރާ ކޮށްފައި މިވަނީ، އަންނަ މަހު ވެސް މަނީލޯންޑްރިންގެ ދަޢުވާއަކާއި ގުޅިގެން އޭނާ ކޯޓަށް ހާޒިރުވުމަށް އަންގާފައި ވަނިކޮށެވެ.

ހޮނިހިރުދުވަހުގެ މި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާ ކަމަށް އިސްރާއިލްގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވީނަމަވެސް، ބައިނަލްއަޤުވާމީ ނޫސްތަކަށް މަޢުލޫމާތުދެމުން އިސްރާއިލް ސިފައިން ބުނެފައި ވަނީ މުޒާހަރާގައި ބައިވެރިވެފައި ވަނީ މަދު ބައެއް ކަމަށާއި، މުޒާހަރާގެ ބައިވެރިންގެ އަދަދު ހާހަކަށްވެސް ނާރާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ އިސްރާއިލްގައި ނަތަންޔާހޫ އާއި ދެކޮޅަށް މުޒާހަރާކޮށްފައި މިވަނީ، ކޮވިޑް-19 ގެ ނުރައްކާ އެޤައުމަށްވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން މި މުޒާހަރާކޮށްފައި ވަނީ ރައްކާތެރިކަމުގެ ކަންކަމަށް ސަމާލުކަންދީގެން ކަމަށް ނޫސްތައް ބުނެއެވެ. މި މުޒާހަރާ ކުރިޔަށްދިޔަ ވަގުތު މުޒާހަރާގެ ބައިވެރިން ތިބީ މާސްކު އަޅައިގެން ވަކި ދުރުމިނެއްގައި ކަމަށް ނޫސްތަކުން ބުނެއެވެ.

2009 ވަނަ އަހަރުން ފެށިގެން އިސްރާއިލްގެ ވެރިކަމުގައި ނަތަންޔާހޫ ހުރިއިރު، އޭނާ އެންމެ ބޮޑު އިސްކަމެއް ދީގެން ހިންގާފައިވާ ޖަރީމާއަކީ އެޤައުމާއި އިންވެގެން އޮންނަ ފަލަސްތީނުގެ ބިމަށް ވެރިވެގަތުމެވެ. އެގޮތުން ހިންގި ލޭއޮހޮރުވުންތަކަށްފަހު މުސްލިމުންގެ މުޤައްދަސް މިސްކިތް، މަސްޖިދުލް އަޤްސާ ހުންނަ ޤުދުސް ވަނީ އިސްރާއިލްގެ ބާރުގެ ދަށަށް ގެންގޮސް މުސްލިމުންގެ އަތުން ފޭރިގެންފައެވެ. އެއަށްފަހު އޭނާ ވަނީ ސިފައިން މެދުވެރިކޮށް މުސްލިމުން އެ ބިމުން ފައްސާލާފައެވެ.

ފަލަސްތީނުގެ ބިން، މުސްލިމުންގެ އަތުން ފޭރިގަތުމަށް ނަތަންޔާހޫ އިސްވެހުރެ ހިންގި ޖަރީމާގައި އިސްރާއީލަށް ވާގިވެރިވެފައި ވަނީ އެމެރިކާއިންނެވެ. އެމެރިކާއިން ވަނީ ޤުދުސް އަށް އިސްރާއިލް އިން އަތްގަދަކޮށް އެ ސިޓީއަކީ އިސްރާއިލްގެ ވެރިކަންކުރާ ސިޓީގެ ގޮތުގައި ނިންމި ނިންމުމުގައި ވެސް ބޮޑު ދައުރެއް އަދާކޮށްފައެވެ.