އިންޑިއާގައި ދިރިއުޅޭ މުސްލިމުންގެ ރަށްވެހިކަން ގެއްލުވާލަން އިންޑިއާ އިން ފާސްކޮށްފައިވާ ޤާނޫނާއި ދެކޮޅަށް ޖަމިއާ މިލާ އިސްލާމިއްޔާ (ޖޭއެމްއައި) ޔުނިވަސިޓީގައި ކުރި މުޒާހަރާގައި ބައިވެރިވި މުސްލިމުން އަންހެނެއް ކަމަށްވާ ސަފޫރާ ޒަރަގާރް ހައްޔަރުކޮށް، އޭނާގެ މައްޗަށް ނިރުބުވެރިކަން (ޓެރަރިޒަމް) މަނާކުރުމުގެ ޤާނޫނުގެ ދަށުން ދައުވާ އުފުލައިފިއެވެ.

އުމުރުން 27 އަހަރުގެ ޞަފޫރާ ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވާއިރު އޭނާ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ. މިހާރު އޭނާ ހުރީ ނިއުދިއްލީގެ ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ ތިހާރު ޖަލުގައެވެ.

ޞަފޫރާ އަކީ މުސްލިމުންގެ ދިފާޢުގައި އިސްލާމިއްޔާ ޔުނިވަސިޓީގައި މިދިޔަ ޑިސެމްބަރ މަހު ބޭއްވި ސުލްހަވެރި ހަޅުތާލުތައް ރޭވުމުގައި ބައިވެރިވި މީހެކެވެ. އޭނާ އަކީ އެ ހަޅުތާލުތައް ރޭވި ޖަމިއާ ކޯޑިނޭޝަން ކޮމެޓީގެ މެންބަރެކެވެ. އިސްލާމިއްޔާ ޔުނިވަސިޓީގައި ކުރިއަށް ގެންދިޔަ ހަޅުތާލުތަކުގައި ދަރިވަރުން ވަނީ އިންޑިއާގެ 180 މިލިއަން މުސްލިމުންގެ ޙައްޤުތައް ހިމަނާޔަތް ކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

ޞަފޫރާގެ މުދައްރިސަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ޞަފޫރާ އަކީ ހަމަނުޖެހުންތަކަށް ހިތްވަރުދޭ ދަރިވަރެއް ނޫން ކަމަށާއި ވަށައިގެން ލިބެން ހުރި ހެކިތަކަށާއި، އޭނާގެ ސިއްހީ ހާލަތައް ރިއާޔަތްކޮށް ވަރަށް އަވަހަށް އޭނާ ބަންދުން ދޫކޮށްލާނެ ކަމަށް އުއްމީދު ކުރާކަމަށެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި ފެބްރުއަރީ މަހު ނިއުދިއްލީގައި މުސްލިމުންނާއި ހިންދޫންގެ މެދުގައި ހިނގި ހަމަނުޖެހުންތައް ހިންގުމުގައި ޞަފޫރާ ވަނީ ބައިވެރިވެފައެވެ. ފުލުހުން އެހެން ބުނި ނަމަވެސް އިންޑިއާގެ މީޑިއާތަކުން ވެސް ރިޕޯޓް ކޮށްފައިވާ ގޮތުގައި ހިންދޫންނާއި މުސްލިމުންގެ މެދުގައި ހަމަނުޖެހުން ހިނގީ ސުލްހަވެރިކަމާއި އެކު މުޒާހަރާ ކުރަމުން ގެންދިޔަ މުސްލިމުންގެ ތެރެއަށް ހިންދޫއިން ވަދެ، މުސްލިމުންނަށް ހަމަލާ ދޭން ފެށުމުންނެވެ.

2015 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ކަމަށް ނަރެންދްރަ މޯދީ ވަޑައިގެންނެވި ފަހުން އިންޑިއާގައި މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، މުސްލިމުންނަށް ދެމުން ގެންދާ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޓެރާ

  ޓެރަރިސްޓުންނާ އެއްކޮޅަށް އަޑު އުފުލާނީ ޓެރަރިސްޓެއް ކަމަށް ބެލެވޭނީ

  2
  38
 2. ގލ

  ސަފޫރާ ހައްޔަރުކޮށް ޖަލަށްލުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ

  18