ހިންދޫންގެ ބޮޑު މެޖޯރިޓީއެއް އޮންނަ އިންޑިއާއަކީ އެ ގައުމުގައި ދިރިއުޅޭ އެތައް މުސްލިމުންނަށް ދަތިތަކާއި އުނދަގުލެއް ދިމާވާ އެއް ގައުމެވެ.

ހިންދޫން ގިނަ ހިސާބުތަކުގައި މުސްލިމުންނަށް ފުރައްސާރަ ކުރުމާއި ކުޑައިމީސްކޮށް ހިތުމަކީ އާންމު ކަމެކެވެ.

ކޮވިޑް-19 އިންޑިއާ އިން ފެނުމާ ގުޅިގެން މުސްލިމް އާބާދީ ކުށްވެރިކޮށް، އަނގަ ބަހުންނާއި ޖިންސީ އަދި ނަފްސާނީ ގޮތުން މުސްލިމުންނާ ދެކޮޅަށް އެތައް ކަމެއް އިންޑިއާގައި ހިންގާފައިވެއެވެ. މުސްލިމުންނަށް ކުރި އަނިޔާގެ ރިޕޯޓްތައް އެ ގައުމުގެ އެކި ހިސާބުތަކުން ވަނީ ލިބިފައެވެ.

މި ހާލަތުގައި ވެސް ބައެއް ހިސާބުތަކުގެ ގޭޓްތަކުން މުސްލިމުންނަށް އެތެރެވިޔަ ނުދިނުމަށް މަޝްވަރާކުރުމާއި، ޒުވާނުންނާއި ގޭންގުތައް މެދުވެރިކޮށް މުސްލިމުންނަށް އެއްވެސް އަވަށަކަށް ވަނަ ނުދިނުމުގެ އިތުރުން މުސްލިމް ވިޔަފާރިވެރިން މަގުމަތީގައި އުޅުން ހުއްޓުވުން ފަދަ ކަންކަން ވަނީ ހިނގައިފައެވެ.

އަދި މީސްމީޑިއާގައި މުސްލިމުން ގަސްދުގައި ކޮވިޑް-19 ފަތުރާކަމަށް ބުނެ، މުސްލިމުންނަށް ފުރައްސާރަކުރުން ވަނީ އާންމު ކަމަކަށްވެފައެވެ.

"ކޮރޯނާ ޖިހާދު"ގެ ނަމުގައި ބަލި ފެތުރުމަށް މުސްލިމުން މަސައްކަތް ކުރާ ކަމަށް ބުނެ މުސްލިމުން ތަރުކާރީ އާއި މޭވާގައި ދޫ ހާކައި އެކި ތަންތަނުގައި ޖަރާސީމު ހޭކުމާއި ކުޅު ޖެހުން ފަދަ ކަންކަން ކުރާ ކަމަށް ބުނެ ވީޑިއޯތައް މީސްމީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.

މި ވާހަކަތައް ފެށިފައި ވަނީ ދިއްލީގައި ތަބްލިގީ ޖަމާއަތުގައި މުސްލިމުންގެ ގިނަ ބަޔަކު ބައިވެރިވެ އެތައް ބަޔަކު ކޮވިޑް-19 އަށް ފައްސިވި ހިސާބުން ފެށިގެންނެވެ. އެ ޖަމާއަތުގައި އިންޑިއާއިން ބޭރުން އައި މީހުން ވެސް ބައިވެރިވެފައި ވާތީ، އެ މީހުން ގަސްދުގައި އިންޑިއާއަށް ވައިރަސް އެތެރެކުރީ ކަމަށް ބައެއް މީހުން ދަނީ ތުހުމަތު ކުރަމުންނެވެ.

ތަބްލިގީ ޖަމާއަތަކީ މުސްލިމް ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އިން މާޗް މަހު ކޮވިޑް-19 އަށް ބެލުމެއް ނެތި އިވެންޓެއް ބާއްވާފައި ވަނިކޮށް އިންޑިއާގެ އެކި ހިސާބުތަކުން ފެނުުނު ކޭސްތަކުގެ ކްލަސްޓާ ފެށިފައިވާ ހިސާބަކީ އެ ޖަމާއަތުން ބޭއްވި އެއްވުމަށް ދިޔަ މީހުން ކަން އެނގުމުން، މިއީ މުސްލިމުން ގަސްތުގައި ކުރާ ކަމެއް ކަމަށް ބުނެ މުސްލިމުންނަށް ތަފާތު ކުރުމާއި އަނިޔާ ކުރަން އެއީ އުޒުރެއް ކަމަށް ބެލިއެވެ.

މުސްލިމުންނާ މެދު މިހާރު ހުރި ތަފާތުކުރުންތަކުގައި އިންޑިއާ ސަރުކާރުން ކުޅުނު ދައުރުވެސް ކުޑައެއް ނޫނެވެ. އެއީ އިންޑިއާއިން ފެނުނު ކޭސްތަކުގެ ތަފްސީލް ހާމަކުރާއިރު، ތަބްލިގީ ޖަމާއަތާއި ގުޅުން ހުރި ވޭދަނަތައް ވަކިކޮށްގެން ތަފްސީލްކޮށްދެމުން ދިއުމެވެ. އެއާއެކު އިންޑިއާގައި ކޮވިޑް-19 ފެތުރެނީ މުސްލިމުންގެ ސަބަބުން ކަމަށް ހީވާ ކަހަލަ މެރުމަކުން ސަރުކާރަށް ދަނީ ވާހަކަ ދެކެވެމުންނެވެ.

މިހާރު މުސްލިމަކަށް ވުމަކީ ކޮވިޑް-19 އެމީހެއްގެ ގައިގައި ހުރި ނަމަވެސް ގިނަ ބަޔަކަށް އެކަން ނާންގާ އުޅޭނެ ސަބަބެއް ކަމަށް އިންޑިއާގައި ދަނީ ބަލަމުންނެވެ. އެހެންކަމުން މުސްލިމުންނާ މެދު އިންޑިއާގައި އޮތް ރުޅިވެރިކަން މިހާރު ވަނީ ބޮޑު ތަނުން އިތުރުވެފައެވެ.

އިންޑިއާގައި ޓެސްޓްކުރުމާއި ރިޕޯޓްކުރުމުގައި ގެންގުޅޭ ދޯދިޔާ ނިޒާމް ހަރުދަނާ ކުރުމުގެ ބަދަލުގައި ތަބްލީގީ ޖަމާއަތާއި އެ ބަލި ގުޅުވާ މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް އިންޑިއާއިން ދަނީ ސިފަކުރަމުންނެވެ. އަދި މި ވާހަކަތަކަށް ބާރު ދިނުމުގައި އިންޑިއާގެ މީޑިއާއިންވެސް ދަނީ ބޮޑު ރޯލެއް އަދާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރޯޒް

    އެހެން ބަޔަކު ތަފާތު ކުރޭގަ؟

  2. އަލްޖިބްރާ

    މިދުނިޔެމަތީގައި މިވައިރަސް އެންމެ ބޮޑަށް ހިއްޕާލާފައިވަނީ އެމެރިކާގަ ކަމަށް އެބަބުނޭ ! އެކަމަކު އެތަނަކުންވެސް މިއީ މުސްލިމުން ކުރާ ކަމެކޭ ނުކިޔާ ! އިންޑިއާގަ ތިޔަބުނާ ތަބްލިގީ ޖަމާއަތަކީ ފުރިހަމަ އިސްލާމީ ޖަމާއަތެއްނަމަ އިސްލާމީ ޤައުމުތަކުން ރައްކާތެރި ކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ތަބާވާނެ! އިސްލާމްދީނުގައި ތިމާމެންގެ އަމިއްލަގޮތްތަށް އިސްކުރުމަށް ބާރުއަޅާފައެއްނުވޭ ! އޭގެބަދަލުގައި އެންމެންގެ ރައްކާތެރިކަން އިސްކުރުމަކީ އިސްލާމްދީނުގެ އަސްލު އުސޫލު ! އިސްލާމުންގެ ނަމުގައި ނާތަހުޒީބު ޖާހިލުން ފާޑުފާޑުގެ ޖަރީމާތަށް ހިންގަންފެށީމަ ބަދުނާމު ވެގެންދަނީވެސް ހަމަ އިސްލާމް ދީނުގެ މީހުން ! މިއީ ހުރިހާ ޤައުމަކުންވެސް މިހާރު ވަރަށް ސީރިއަސް ކޮށް ތަހުޤީޤް ކުރަން ޖެހަފައިވާ މައްސަލައެއް !