ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ތިން މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް އައިއިރު، މި ބަލި 3,003,352 މީހަކަށް ވަނީ ޖެހިފައެވެ. މި ބަލީގައި 207,094 މީހަކު މަރުވެފައިވާ އިރު، ބަލި ޖެހިގެން ރަނގަޅުވީ 882,552 މީހުންނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 57,634 މީހެއްގެ ހާލު ސީރިއަސްއެވެ. އަދި 1,856,072 މީހެއްގެ ހާލު ގޯހެއް ނޫނެވެ.

ދުނިޔޭގެ އެކި ގައުމުތަކަށް ބަލާ އިރު، އެންމެ ގިނަ އިން މި ބަލި ޖެހިފައިވާ މީހުން ތިބީ އެމެރިކާގައެވެ. އެ ގައުމުގައި 987,322 މީހެއްގެ ގައިން ބަލި ފެނުނު އިރު، 55,415 މީހަކު ވަނީ މަރުވެފައެވެ. ދެ ވަނަ އަށް އެންމެ ގިނަ އިން ބަލި ޖެހިފައިވާ މީހުން ތިބީ ސްޕެއިންގައެވެ.

ސްޕެއިންގައި 226,629 މީހަކަށް ބަލި ޖެހި 23,190 މީހުން ވަނީ މަރުވެފައެވެ. ތިން ވަނަ އަށް މި ބަލި ޖެހިފައިވާ މީހުން ތިބީ އިޓަލީގައެވެ. އެ ގައުމުގައި 197,675 މީހަކަށް ބަލި ޖެހި، 26,644 މީހުން ވަނީ މަރުވެފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި މި ބަލި ޖެހިގެން މަރުވާ މީހުން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެކަމަކު، ބަލި ޖެހޭ މީހުންގެ އަދަދު އިތުރެވެ. އެގޮތުން އިއްޔެ އެކަނި ވެސް މި ބަލި ޖެހިގެން 73،000 އަށް ވުރެ ގިނަ މީހުން ރިޕޯޓުކޮށްފައިވާ އިރު، ދުނިޔޭގެ އެކިކަންކޮޅުތަކުން 3،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ތިން މިލިއަނަށް އަރަން ތިން މަސް ނެގި އިރު، އެ ބަލި ޖެހުނު މީހުންގެ އަދަދު ދެ މިލިއަނުން ތިން މިލިއަނަށް އަރަން ނެގީ އެންމެ 12 ދުވަހެވެ.

މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއް ހޯދިފައި ނުވާ މި ބައްޔަށް ވެކްސިނެއް ޓެސްޓް ކުރުމުގެ މަސައްކަތް އެކިއެކި ގައުމުތަކުން ދަނީ ކުރަމުންނެވެ.