ކޮވިޑް-19 އާ ގުޅިގެން ދުބާއީގެ ވިޔަފާރީގެ ގިނަ ހަރަކާތްތައް ހިންގާ ދެ އަވަށެއްގައި އިއުލާނުކޮށްފައިވާ ފުރަބަންދު އުވާލާފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

ދުބާއީގެ މި ދެ އަވަށަކީ އެކި ގައުމުތަކުން އެގައުމަށް އެތެރެވެފައިވާ މީހުން ގިނައިން ދިރިއުޅޭ އަވަށްތަކެވެ. އެއީ އަލްރަފް އަދި ނައިފް ސަރަހައްދުގައެވެ. އެ ދެ ސަރަހައްދު އާންމުންނަށް ހުޅުވާލީ ފާއިތުވެދިޔަ ދެ ތިން ދުވަހު ކޮވިޑް-19 ޖެހިފައިވާ އެއްވެސް މީހަކު ނުފެނިފައިވާތީއެވެ.

ދުބާއީގައި މިހާތަނަށް 10،300 މީހުންގެ ގައިން ބަލި ފެނުނު އިރު، އެ ގައުމުން މަރުވެފައި ވަނީ 76 މީހުންނެވެ.

ދުބާއީގެ ސްޕްރީމް ކޮމިޓީ އޮފް ކްރައިސިސް އެންޑް ޑިޒާސްޓާރ މެނޭޖްމެންޓުން ބުނެފައިވަނީ ފާއިތުވި މަސް ދުވަހުގެތެރޭގައި ވައިރަސް ހުރިތޯ ބެލުމަށް 6000 ޓެސްޓް އެ ދެ ޑިސްޓްރިކްޓުގައި ހެދި ކަމަށެވެ.

ދުބާއީން ހުކުރު ދުވަހު ވަނީ ކެފޭތަކާއި ރެސްޓޯރެންޓްތައް ހުޅުވާފައެވެ. ނަމަވެސް އެއީ އެތަންތަނުގެ 30 އިންސައްތައިގެ ޖާގައަށް ވާ ވަރަށް މީހުންނަށް ޚިދުމަތްދޭ ގޮތަށް ކަމަށް އެ ގައުމން ރިޕޯޓްކުރެއެވެ.

މީގެ އިތުރުން އެ ގައުމުން ބައެއް ޝޮފިން މޯލްތަށް ހުޅުވާފައިވާ އިރު އެ ގައުމުން އަދިވެސް ސިނަމާތަކާއި ކުޅިވަރު ކުޅޭ ތަންތަން އަދި މިސްކިތްތައް ނުހުޅުވާކަމަށް އެ ގައުމުން ބުނެއެވެ.