ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ވައިރަސް ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އެމެރިކާ އިން މި ނުރައްކާތެރި ވައިރަހަށް ފައްސިވި މީހުންގެ އަދަދު 1 މިލިއަނާއި ގާތް ކޮށްފިއެވެ.

މިހާރު މުޅި ދުނިޔޭގައިވެސް އެންމެ ބާރަށް ވައިރަސް ފެތުރެމުން އަންނަނީ އެމެރިކާގައެވެ. އަދި ވައިރަހުގެ ސަބަބުން އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީވެސް ހަމަ އެ ގައުމުންކަން ފާހަގަކޮށްލެވެއެވެ.

އެމެރިކާ އިން މިހައިތަނަށް ކޮވިޑް-19 އަށް 987،322 މީހަކު ފައްސިވެފައި ވާއިރު، 55،514 މީހަކު ވަނީ މަރުވެފައެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފައްސިވި މީހުންގެ އަދަދު މިލިއަނަކަށް އަރާނެކަމަށް ބެލެވޭއިރު، އެ ގައުމުން މިހައިތަނަށް ފަރުވާ ދީގެން ރަނގަޅުވެފައި ވަނީ 118،781 މީހެކެވެ.

އެމެރިކާގައި ހަލުވިކަމާއި އެކު ވައިރަސް ފެތުރެމުން ގެންދިޔަ ނަމަވެސް އެގައުމުގެ ރައީސް ޑޮނަލްޑް ޓަރަމްޕް ވަނީ މެއި މަހުގެ 1ވަނަ ދުވަހު އެމެރިކާ އާއްމު ހާލަތަށް ގެނެސް ގައުމުގެ އިގްތިސާދު އަލުން ހުޅުވަން ނިންމާފައެވެ.

މިކަމުގެ ސަބަބުން ވައިރަސް ފެތުރުން އިންތިހާ އަށް އިތުރުވެގެން ދާނެކަމަށް ޓްރަމްޕުގެ އެޑްވައިޒަރުންނާއި ސިއްހީ މާހިރުންވެސް އިންޒާރުދެމުން ގެންދިޔަ ނަމަވެސް ޓްރަމްޕް ބުނެފައި ވަނީ މުޅި ގައުމު ފުރަބަންދު ކޮށްގެން އެއްވެސް ގޮތަކަށް ނުހިންގޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު