ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުން ކުރާ ގިނަ އަދަދެއްގެ މާސްކު ފްރާންސްގެ ބްލެކް މާކެޓް އަކުން ފުލުހުން އަތުލައިގެންފިއެވެ.

ފްރާންސްގެ ފުލުހުން ބުނެފައިވަނީ އެއީ އެގައުމުން މިހާތަނަށް އަގުބޮޑުކޮށް ވިއްކަން ރައްކާކޮށްފައި ހުއްޓާ އަތުލައިގެނެވިފައިވާ އެންމެ ގިނަ އަދަދެއްގެ މާސްކު ކަމަށެވެ. އެގޮތުން މުޅި އެއްކޮށް 140،000 މާސްކު އަތުލާފައިވާ ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.

މިގޮތަށް މީހުން އެ މާސްކު އަގުބޮޑުކޮށް ވިއްކައި ފައިދާ ނަގަމުން އަންނަނީ އަގުހެޔޮ ކޮށް ވިއްކަމުން އަންނަ ފިހާރަތަކުން މާސްކު ހުސްވުމުންނެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހިމެނޭ ދެ މީހުން ހައްޔަރު ކޮށްފައިވަނީ މާސްކު އަޅާފައިވާ ފޮށިތައް ބާލަން ތިއްބާ ސެއިންޓް ޑެނިސް ގައި ތިއްބާ ކަމަށެވެ. މިގޮތަށް ހައްޔަރު ކުރުމުން އެތަނުން އެކަކު ބުނެފައިވަނީ އޭނާއަކީ ވިޔަފާރިވެރިއެއް ކަމަށާއި އެއީ އޭނާ ގަނެފައިވާ މާސްކު ކަމަށެވެ،

ފްރާންސް އިން އަތުލާފައިވާ އެ މާސްކުތަކަކީ ކޮންސްޓްރަކްޝަން ސައިޓް ތަކުގައި މަސައްކަތް ކުރަމުން އަންނަ މީހުންނަށް އަގުބޮޑުކޮށް ވިއްކުމަށް ގެނެސްފައިވާ މާސްކު ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ އެފަދަ މީހުންނަށް މާސްކުގެ ދަތިކަން މިހާރުވެސް އެގައުމުގައި ޖެހިފައިވާތީއެވެ.

ކޮވިޑް-19 ގެ ސަބަބުން ގިނަ ގައުމުތަކަށް މާސްކު ބޭނުން ވެފައިވާ މި ދަނޑިވަޅުގައި ބައެއް ފަރާތްތަކުން އަގުބޮޑުކޮށް އެފަދަ ތަކެތި ވިއްކަމުން އަންނާތީ ބައެއް ފަރާތްތަކުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    މިގައުމުގައި ނަމަ ކުއްވެރިއެއް ނުވާނެ ހަމަ އާރާއި ބާރާއި އެކީ ކުރިޔަށް ދާނީ..