ކޮވިޑް-19 ޖެހިގެން އިޓަލީން މިއަދު މަރުވި މީހުންގެ އަދަދު އިއްޔެ މަރުވި މީހުންނަށް ވުރެ އިތުރު ވެއްޖެއެވެ. ދެންމެ އިޓަލީ ސަރުކާރުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު އިޓަލީން 333 މީހަކު މަރުވިއެވެ. އިއްޔެ އިޓަލީން މަރުވީ 260 މީހުންނެވެ.

އިޓަލީން މިއަދު މަރުވި މީހުންގެ އަދަދު އިތުރުވި ނަމަވެސް މިއަދު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިއަދު އެގައުމުން ކޮވިޑް-19 އަށް ފައްސިވީ 1739 މީހުންނެވެ. މިއަދަކީ މާޗް މަހުގެ 10 ވަނަ ދުވަހަށް ފަހު އިޓަލީން އެންމެ މަދުން ކޮވިޑް-19 އަށް މީހުން ފައްސިވި ދުވަހެވެ.

އިޓަލީން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 199,414 އަށް އަރާފައެވެ. އޭގެ ތެރެއިން 26,977 މީހަކު ވަނީ މިހާތަނަށް މަރުވެފައެވެ. ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އަދި މިހާތަނަށް ބަލިން ރަނގަޅުވީ 66,624 މީހުންނެވެ.

އިޓަލީން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު މިއަދު އިތުރުވި ނަމަވެސް ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން އައިސީޔޫގައި ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު ފާއިތުވި ދޮޅު މަސް ދުވަސް ތެރޭގައި ފުރަތަމަ ފަހަރަށް ވަނީ މިއަދު ދެހާހަށްވުރެ މަދުވެފައެވެ. މިހާރު އިޓަލީގައި އައިސީޔޫގައި ފަރުވާ ދެމުން ގެންދަނީ 1956 މީހަކަށެވެ.

މިހާރު އިޓަލީގައި ކޮވިޑް-19 ޖެހިފައި ތިބި 105813 މީހަކު ތިބި ނަމަވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނީ 20353 މީހަކަށެވެ. 83504 މީހަކު ތިބީ އަމިއްލަ އަށް ގޭގައި އެކަހެރި ވެގެންނެވެ.

އިޓަލީން މިހާރު ތައްޔާރު ވަމުން އަންނަނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ފުރަބަންދު (ލޮކްޑައުން) އުވާލާށެވެ.

ކިޔުންތެރިންގެ ހިޔާލު