އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް އެމެރިކާއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1004802 (އެއްމިލިއަން ހަތަރުހާސް އަށްސަތޭކަ ދޭއް) އަށް އަރާފައެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުނިޔެއިން އެންމެ ބޮޑުވެފައިވާ ޤައުމެއްގެ ގޮތުގައި އެމެރިކާ އޮތްއިރު، މިހާތަނަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެ، އަދި މިބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ޤައުމަކީ ވެސް އެމެރިކާ އެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 17642 އަށް އަރާފައެވެ. އަދި މި ބަލީގައި މިދިޔަ 24 ގަޑިއިރު އެޤައުމުން މަރުވި މީހުންގެ އަދަދު 1085 އަށް އަރައެވެ.

މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ އެމެރިކާއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު 56498 އަށް ވަނީ އަރާފައެވެ.

އިދާރާތަކުން ހާމަކުރާ ގޮތުގައި އެމެރިކާއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 137591 މީހެކެވެ. މިއީ އެޤައުމުން ބަލި ޖެހުނު މީހުންގެ އަދަދަށް ބަލާއިރު ނިސްބަތުން މަދު އަދަދެއްކަމުން ބަލީގެ ނުރައްކާ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އެޤައުމަށް ބޮޑުވާނެ ކަމަށް ބެލެވެއެވެ.

އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި އެޤައުމުން މި ބައްޔަށް ފަރުވާކުރާ މީހުންގެ ތެރެއިން 14175 މީހަކަށް ފަރުވާދެމުންދަނީ، ސީރިއަސް ހާލުގައި، އައިސީޔޫގައެވެ. އެހެންކަމުން މި ބަލީގައި އެމެރިކާއިން މަރުވާ މީހުންގެ އަދަދު އަދިވެސް ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އެމެރިކާގެ އެކި ސަރަޙައްދުތަކަށް ބަލާއިރު، މި ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ ނިއުޔޯކަށެވެ. އެ ސްޓޭޓުން އެކަނިވެސް ޖުމްލަ 297224 މީހަކަށް ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 22612 މީހަކު މަރުވެފައި ވެއެވެ. ދެވަނައަށް އެންމެ ގިނަ ބަޔަކު އެމެރިކާގައި ފައްސިވެފައި ވަނީ ނިއުޖާޒީންނެވެ. އެ ސްޓޭޓުން 111188 މީހަކަށް ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 6044 މީހަކު ވަނީ މަރުވެފައެވެ.

މި ސްޓޭޓްތަކުގެ އިތުރުން ވެސް އެމެރިކާގެ މެސެޝޫސެޓްސް އާއި އިލިނޮއިސް އާއި ކެލެފޯނިއާ އަދި ޕެންސީލްވޭނިއާގެ އިތުރުން މިޗިގަން އާއި ފްލޮރިޑާއަށް ވެސް ބަލީގެ ނުރައްކާ ބޮޑުވެ، ހަލުވިކަމާއެކު ބަލި ފެތުރެމުން ދެއެވެ.

އެމެރިކާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު މިރޭ މިލިއަނަކަށްވުރެ އިތުރުވެފައި ވާއިރު، ދުނިޔެއިން މި ވައިރަސް ފެނުނު 210 ޤައުމު ނުވަތަ ސަރަޙައްދުން ވައިރަސް އަށް ޖުމްލަ 3055498 މީހަކު ވަނީ ފައްސިވެފައެވެ. އެހެންކަމުން އެމެރިކާގައި މި ބަލި ޖެހުނު މީހުންގެ އަދަދު ދުނިޔެއިން ފައްސިވި ޖުމްލަ އަދަދުގެ ތިންބައިކުޅަ އެއްބަޔަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެޔޮޅު

    މުސްލިމުންގެ ބޮލައް ތިމީހުން އޮއްސާލާ ބޮންތަކުން ދުވާލަކު މަރުވީ ކިތައްމީހުން؟ މާތްﷲ ގެ ކުޅަދުންވަންތަކަމާއެވެ!