ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ރައްކާތެރިކަމުގެ އުސޫލުތަކާއި ޚިލާފުވާ ފަރާތްތައް 5000 އެމެރިކާ ޑޮލަރާއި ހަމައަށް ޖޫރިމަނާކުރުމަށް ޖަރުމަންވިލާތުގެ ސްޓޭޓްތަކުން ނިންމަން ފަށައިފިއެވެ.

އެޤައުމުގެ ބައެއް ސްޓޭތްތަކުގައި އާންމު ތަންތަނަށް މީހުން ނިކުމެ އުޅޭއިރު މޫނު ނިވާކޮށް މާސްކު އެޅުން މަޖުބޫރުކޮށްފައި ވާއިރު، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އަދި މި ފިޔަވަޅުތަކާއި ޚިލާފުވާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް އިދާރާތަކުން ވަނީ ތައްޔާރުވެފައެވެ.

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޖަރުމަންވިލާތުގައި މި ފިޔަވަޅުތައް އަޅަން ނިންމާފައި ވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން ވައިރަސް ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުވެ އިތުރުވަމުން ދާތީއެވެ.

މިހާރު އެޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މޫނު ނިވާކުރުން މަޖުބޫރު ކުރުމުގެ އިތުރުން، އާންމު ތަންތަނުގައި އުޅޭ އުޅުމުގައި ގައިދުރުކަމަށް ސަމާލުކަން ނުދޭ ފަރާތްތަކަށްވެސް އަދަބު ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން 8600 އަކަފޫޓަށްވުރެ ބޮޑު ފިހާރަތަކާއި މޯލްތައް ހުޅުވުން ވެސް އެޤައުމުގައި ވަނީ މަނާކޮށްފައެވެ.

ޖަރުމަން ވިލާތުގައި ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އެޤައުމުގެ ގިނަ ސްޓޭޓްތަކުގައި މިހާރު އަމަލު ކުރަމުން ދާއިރު، ކުރިޔަށް އޮތް ދުވަސްތަކުގައި އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރާނެ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

އެޤައުމުގެ ބައެއް ސްޓޭޓްތަކުން ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ އުސޫލުތަކުގައި ވާގޮތުން އާންމުން ބޭރަށް ނިކުމެ އުޅޭއިރު މޫނު ނިވާކުރުމަށް ފޭސް މާސްކެއް ނުލިބިއްޖެ ހާލަތެއްގައި، ފޮތިކޮޅެއް ނުވަތަ ސްކާފަކުން ވެސް މޫނު ނިވާކުރަން ޖެހެއެވެ.

ކޮވިޑް-19 ގެ ނުރައްކާ ޖަރުމަންވިލާތަށް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެޤައުމުން މިހާތަނަށް ޖުމްލަ 158389 މީހަކަށް މި ބަލި ޖެހިފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް 6050 މީހަކު މަރުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. ޖަރުމަންވިލާތުގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 114500 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ފެނުނު 210 ޤައުމު ނުވަތަ ސަރަޙައްދުގެ ތެރެއިން ޖަރުމަންވިލާތަކީ ފަސްވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެފައިވާ ޤައުމެވެ. އެޤައުމުގައި ބަލި ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން 2570 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    ރާއްޖެ އަށް މިއައި ކޮވިޑްގެ ކޯފާ އައުމުގެ ދިވެހިންގެ ނުބައިކަން.

    • ސުލޭމާްން

      ލާދީނިއްޔަތައް ވޯޓުދިނީމަ ވާގޮތް. އަންނިއަކީ ދައްޖާލުއާއި ވާދަކުރާ ވަރުގެ ބިރެއް.

  2. ކެޔޮޅު

    ދިވެހި ސަރުކާރުން ބާރުއަޅަނީ މާސްކު ނޭޅުމައްދޯ؟

  3. ސޭކު

    ޓެރަރިސްޓު ހަމަލާއެއް ދީފާނެތީ މިހާރު ބިރެއް ނުގަނޭތަ ތިޔަ މޫނު ނިވާކުރަން މަޖުބޫރު ކުރަނީ. ބުއްދި ފައްސި ވެފަ ތިބި ބަޔެއް.