ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 1384 މީހަކު މަރުވެއްޖެއެވެ.

އިއްޔެ އެމެރިކާ އިން މަރުވި މީހުންގެ އަދަދު ވަނީ އާދީއްތަ ދުވަހު މަރުވި މީހުންނަށްވުރެ އިތުރު ވެފައެވެ. އާދީއްތަ ދުވަހު އެމެރިކާ އިން މަރުވީ 1157 މީހުންނެވެ.

ނަމަވެސް އިއްޔެ އެމެރިކާ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. އިއްޔެ އެމެރިކާ އިން ފައްސިވީ 23196 މީހުންނެވެ. އިއްޔެ އަކީ މާޗް މަހުގެ 29 ވަނަ ދުވަހަށް ފަހު އެމެރިކާ އިން އެންމެ މަދުން މީހުން ފައްސިވި ދުވަހެވެ.

އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,010,507 އަށް އަރާފައެވެ. އޭގެ ތެރެއިން 56,803 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. އެމެރިކާ އިން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވީ 138,990 މީހުންނެވެ.

ކޮވިޑް-19 އަދިވެސް އެމެރިކާގައި ކޮންޓްރޯލް ވަމުންދާ މަންޒަރެއް ނުފެނެއެވެ. ބައެއް ސްޓޭޓްތައް އަލުން ހުޅުވާލަމުންދާއިރު ކުރިއަށް އޮތްތަނުގައި އެމެރިކާގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ.

އެމެރިކާ އަލުން ހުޅުވާލައި އިޤުތިޞާދީ މަސައްކަތްތައް އަލުން ފަށަން އެމެރިކާގެ ރައީސް ޓްރަމްޕް ބޭނުންވާ އެއް ސަބަބަކީ ސިޔާސީ ގޮތުން ޓްރަމްޕަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތްވުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. މިއަހަރު ފަހުކޮޅު އެމެރިކާގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވާއިރު، ގައުމު ބަންދުކޮށް އިޤުތިޞާދީ މައްސަލަތަކެއްގެ ތެރޭގައި އޮވެ އިންތިޚާބާއި ކުރިމަތިލާން ޖެހުމަކީ ޓްރަމްޕްގެ ސިޔާސީ ކުރިމަގު ބަނަވެގެން ދާނެ ސަބަބެކެވެ.

ޚިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކާ ގޮތުގައި ޓްރަމްޕްގެ މަގުބޫލްކަން މިހާރު ވަނީ ދަށަށް ދާން ފަށާފައެވެ. "ޔޫއެސް ޓްޑޭ" ނަމަކަށް ކިޔާ އެމެރިކާގެ ނޫހަކާއި ސަފްލޮކް ޔުނިވަސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި އެމެރިކާ ރައްޔިތުންގެ ތެރެއިން ޓްރަމްޕަށް ތާއިދު ކުރާ މީހުންގެ ނިސްބަތް ވަނީ 38 އިންސައްތަ އިން 44 އިންސައްތަ އަށް ވެއްޓިފައެވެ. އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން އަށް ތާއިދު ކުރާ މީހުންގެ ނިސްބަތް ވަނީ 40 އިންސައްތަ އިން 50 އިންސައްތަ އަށް އުފުލިފައެވެ. ބާކީ ހައެއް އިންސައްތަ މީހުންނަކީ އަދި ވަކި ގޮތެއް ނުނިންމާ ތިބި މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު