ނުރައްކާތެރި ބަލި މަޑުކަމެއް ދުނިޔެއަށް ފެތުރިގެން ހިނގައިދާނެ ކަމަށާއި ނަމަވެސް އެފަދަ ހާލަތަކަށް ދުނިޔެ ތައްޔާރު ނޫންކަމުގެ އިންޒާރު މައިކްރޯސޮފްޓްގެ ވެރިޔާ ބިލް ގޭޓްސް 2015 ވަނަ އަހަރު އޮތީ ދެއްވާފައެވެ. އެފަދަ ހާލަތަކަށް ދުނިޔެ ތައްޔާރު ނުވެ އޮއްވާ ކުރިމަތިވި ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން އެންމެ ބޮޑު ހޭދައެއް ކުރައްވަމުން ގެންދަވާ އެކަކީ ގޭޓްސްއެވެ. ގޭޓްސް މިވަނީ ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދިދާނެ ދުވަސް ލަފާކޮށްފައެވެ.

"ސީއެންއެން" އަށް ދެއްވި އިންޓަވިއުއެއްގައި ގޭޓްސް ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ. "ހުރިހާ ކަމެއް ރަނގަޅަށް ކުރިއަށް ދިޔަ ނަމަވެސް ވެލްސިން ގިނަ އަދަދަކަށް އުފައްދަން އަހަރެއް ނަގާނެ." ގޭޓްސް ވިދާޅުވިއެވެ.

ސެޕްޓެމްބަރ މަހު ކޮވިޑް-19 އަށް ވެކްސިނެއް ލިބޭނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރި ނަމަވެސް ގޭޓްސް ވިދާޅުވީ އެހައިތަނަށް ވެކްސިނެއް ލިބުމުގެ ފުރުސަތު ކުޑަ ކަމަށެވެ. "18 މަސް ދުވަހުގެ ތެރޭގައި ވެކްސިނެއް އުފެއްދުނު ނަމަވެސް އެއީ ވަރަށް އަވަސް މުއްދަތެއް. އަހަރެމެންގެ އުއްމީދުތައް މާމަތީގައި ބެހެއްޓޭކަށް ނެތް." ގޭޓްސް ވިދާޅުވިއެވެ.

ގޭޓްސް ވަނީ ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދު (ލޮކްޑައުން) ކޮށްފައިވާ އެމެރިކާގެ ސްޓޭޓްތަކާއި އަދި އެހެން ގައުމުތައް އަލުން ހުޅުވާލުމާއި ގުޅޭ ގޮތުން މިދިޔަ ހަފްތާގައި ވާހަކަ ދައްކަވާފައެވެ.

އޭނާ ވިދާޅުވީ އަވަސް އަރުވާލައިގެން ގައުމުތައް ހުޅުވާލައިފިނަމަ މިހާތަނަށް ކޮވިޑް-19 ފެތުރިގެން ލިބުނު ގެއްލުންތަކަށްވުރެ މާބޮޑެތި ގެއްލުންތަކެއް ލިބިގެން ހިނގައިދާނެ ކަމަށާއި، ގައުމުތައް އަލުން ހުޅުވާލަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާއި އެކު ލަސްލަހުން ކަމަށެވެ.

ގޭޓްސް އާއި އަނބިކަނބަލުން މެލިންޑާގެ ފައުންޑޭޝަނުން ވަނީ ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށާއި، ކޮވިޑް-19 އާއި ގުޅިގެން އިތުރު އެހެން ކަންކަމަށް މިހާތަނަށް 250 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާ ކުރައްވާފައެވެ. ދެކަނބަލުންގެ މިލްކިއްޔާތު 40 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. ގޭޓްސް އަކީ މިހާރު ވެސް ދުނިޔޭގައި ހުރި ދެވަނަ އަށް އެންމެ މުއްސަނދި މީހާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދު

    ކަލޭގެ އަމިއްލަ ވިޔަފާރި އެއް މިއީ، ނުބައި ކަލޭގެ

    11
    5
    • ޟޮޮސަ

      އާދޯ

  2. މވމ

    މިހާތަނައް އެއްވެސް ކޮރޯނާ ވައިރަސްއަކައް ވެކްސީނެއް ހޯދިފަކާއެއްނުވޭ.. އެއްކޮއް އިމިއުނައިޒް ކުެެވޭ ވެކްސީނެއް އުފެއްދިދާނެތޯވެސް ސުވާލު އުފެދޭ..