އޮސްޓްރޭލިއާގައި ކޮންޓެކްޓް ޓްރޭސިން އެޕްލިކޭޝަން ލޯންޗުކުރި ފަހުން، މިހާތަނަށް އެ ގައުމުގެ ދެ މިލިއަނަށް ވުރެ ގިނަ މީހުން އެޕް ޑައުންލޯޑްކޮށްފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ލޯންޗުކުރި އެޕްލިކޭޝަނުން ކޮވިޑް-19 ޖެހިފައިވާ މީހުންނާ ކޮންޓެކްޓްވެފައި ތިބި މީހުން ދެނެގަތުމަށް މުހިންމު އެޕެކެވެ. މި އެޕްލިކޭޝަންގައި ޕޮޒިޓިވް ވެފައިވާ މީހަކާ 15 މިނެޓް ވަންދަން ކައިރީގައި އުޅެފި ނަމަ، އެޕްލިކޭޝަން މެދުވެރިކޮށް އެނގިގެންދާނެއެވެ.

އޮސްޓްރޭލިއާގެ ހެލްތު މިނިސްޓަރު ގްރެގް ހަންޓް ވިދާޅުވީ މިއަދުގެ މިހާތަނަށް 2.44 މިލިއަން މީހުން އެޕްލިކޭޝަން ޑައުންލޯޑްކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި އެޕްލިކޭޝަން އެ ގައުމުގައި ލޯންޗު ކުރުމަކީ ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެޕް ބޭނުންކުރާ މީހުން އެހެން މީހުންނާ ކައިރިވެއްޖެ ނަމަ ބްލޫޓޫތު ވަޔާލެސް ސިގްނަލްއަކުން އެކަން އަންގާނެއެވެ.

24 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ އޮސްޓްރޭލިއާގައި ކޮވިޑް-19 ޖެހިފައި ވަނީ 6,725 މީހުންނަށެވެ. އެ ގައުމުން މި ބަލީގައި މަރުވީ 84 މީހުންނެވެ. މިހާތަނަށް އައިއިރު، މި ބަލިން ރަނގަޅުވެފައި ވަނީ 5,586 މީހުންނެވެ. އަދި 1,051 މީހަކަށް ފަރުވާދެމުން ދާއިރު، 43 މީހެއްގެ ހާލު ސީރިއަސްއެވެ.

"ކޮވިޑްސޭފް އެޕްގައި ލޮކޭޝަން (އެމީހަކު ހުރި ތަނެއް) ބެލުމުގެ ގާބިލް ކަމެއް ލިބިފައެއް ނުވޭ. އެމީހަކު ހުރި ތަނެއް ޓްރެކެއް ނުކުރެވޭނެ،" އޮސްޓްރޭލިއާގެ ހެލްތު ޑިޕާޓްމަންޓްގެ ތަރުޖަމާނު ވިދާޅުވިއެވެ.

އެޕް ބޭނުން ކުރާ މީހުން، އެމީހުންގެ ނަމާއި އުމުރާއި މޮބައިލް ނަންބަރު ފަދަ މައުލޫމާތުތައް ހިމަނަން ޖެހެއެވެ.