ފަލަސްތީނުގެ ފޭރިގަނެފައިވާ ޤުދުސްގައި ހުންނަ މުސްލިމުންގެ މުޤައްދަސް މިސްކިތް، މަސްޖިދުލް އަޤްސާގެ އިމާމް ޝެއިޚް އިކްރީމާ ސަބްރީ ދިރިއުޅުއްވާ ގެކޮޅަށް އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން ވަދެއްޖެ އެވެ.

ފަލަސްތީނުގެ ނޫސްތަކުގައި މިކަން ހާމަކޮށް ބުނެފައި ވަނީ، ޝެއިޚް ސަބްރީގެ ގެކޮޅަށް އިސްރާއިލް ސިފައިން ވަދެ ރެއިޑްކޮށްފައި ވަނީ، ހިނގަމުން މިދާ ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް މަސްޖިދުލް އަޤްސާ އަށް މުސްލިމުން ވަދެއުޅުން ހުއްޓުވުމަށް އިސްރާއިލްގެ ދިފާޢީ ބާރުތަކުން ނިންމުމާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވާފައި ވަނިކޮށް ކަމަށެވެ.

އިސްރާއިލްގެ އިދާރާތަކުން، މި ދުވަސްވަރު މަސްޖިދުލް އަޤްސާގައި ނަމާދުކުރުމުގެ ކަންކަން ސަސްޕެންޑުކޮށް، މުސްލިމުންނަށް މިސްކިތް ބޭނުން ކުރުމަށް ހުރަސް އަޅާފައި ވަނީ ކޮވިޑް-19 ފެތުރޭތީ ކަމަށް ބުނެއެވެ. ނަމަވެސް އިސްރާއިލްގެ ޔަހޫދީ ގްރޫޕްތަކަށް އެ މިސްކިތަށް ވަދެއުޅުމުގެ ފުރުސަތު ދެމުންދާ ކަމުގެ ޚަބަރުތައް ވަނީ ފެތުރިފައެވެ.

މަސްޖިދުލް އަޤްސާގެ އިމާމް، ޝެއިޚް އިކްރީމާ ސަބްރީ

މިކަމާއި ގުޅިގެން ޝެއިޚް ސަބްރީ ވަނީ، އިސްރާއިލް އިން އެފަދަ ކަންކަން ހިންގާނަމަ އެތައް ހާސް މުސްލިމުންނެއް ވެސް މިސްކިތަށް ވަންނާނެ ކަމަށާއި، އެކަން ނުހުއްޓުވޭނެ ކަމަށް ވިދާޅުވެފައެވެ.

ޝެއިޚް ސަބްރީ ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން އިސްރާއިލްގައި ފުރަބަންދުގެ ފިޔަވަޅުތައް އަޅާފައިވާ މި ދަނޑިވަޅުގައި ޤުދުސްގައި އާބާދުވެ އުޅޭ އިސްރާއިލްގެ ޔަހޫދީން ދަނޑިވަޅުގެ ބޭނުން ހިފައި މަސްޖިދުލް އަޤްސާއަށް ވަދެ މިސްކިތުގެ ޙުރުމަތް ކަނޑާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ޚަބަރު ލިބިފައިވާ ކަމަށެވެ.

އިސްރާއިލްގެ ބާރުގެ ދަށަށް ޤުދުސް ގެންދިޔަ ފަހުން، މަސްޖިދުލް އަޤްސާއަށް ނަމާދުކުރަންދާ މުސްލިމުންނަށް އިސްރާއިލް ސިފައިން ދުއްތުރާ ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެގޮތުން މިސްކިތަށްދާ މީހުން ރަހީނުކޮށް، އެފަރާތްތަކަށް އަނިޔާކުރާ ޚަބަރު ކުރިންވެސް އިވެމުން ދެއެވެ.

މީގެ އިތުރުން މަސްޖިދުލް އަޤްސާގެ އިމާރާތަށް ބަދަލުތަކެއް ގެނެސް، އިސްރާއިލްގެ ޔަހޫދީންނަށްވެސް އެ މިސްކިތުން ބައެއްގައި އަޅުކަން ކުރެވޭ ގޮތަށް ހެދުމަށްވެސް އިސްރާއިލްގެ ވެރިން މަޝްވަރާކޮށްފައި ވެއެވެ.

މަސްޖިދުލް އަޤްސާ ހުންނަ ޤުދުސް އަކީ ފަލަސްތީނުގެ ރަށެކެވެ. ނަމަވެސް ހައްދުފަހަނައަޅާފައިވާ އިސްރާއިލް ސަރުކާރާއި އެޤައުމުގެ ސިފައިންގެ އަނިޔާވެރި އަމަލުތަކާއެކު އެ ބިން ވަނީ މުސްލިމުންގެ އަތުން ފޭރިގަނެ، ޔަހޫދީންގެ ވެރިކަންކުރާ ރަށް ކަމުގައި ކަނޑައަޅާފައެވެ. އެކަމުގައި އިސްރާއިލްއަށް އެންމެ ބޮޑަށް ވާގިވެރިވީ އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އެވެ. އިސްރާއިލުން ގުދުސް އެމީހުންގެ އަމިއްލަ ބިމެއްކަމަށް ހަދާފައި ވަނީ ބައިނަލްއަގުވާމީ ގާނުނު ތަކާވެސް ހިލާފަށެވެ.

ގުދުސަކީ އިސްލާމްދީނުގެ އެންމެ މާތް ތައުހީދު ދެނެގަތް ދެވަނަ ރަށެވެ. އެ ބިމަކީ ގިނަ އަދަދެއްގެ ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުން އެ ބިމަކަށް އުފަންވެވަޑައިގެން ހުސްޠާހިރުވަންތަ ބިމެކެވެ. އަދި ކިރިތި ރަސޫލާ ހުރިހާ ނަބީބޭކަލުންގެ އިމާމަކަށް ވެ ވަޑައިގެން ނަމާދު ކުރެއްވީވެސް މަސްޖިދުލް އަގްސާގައެވެ. އެ ބިމަކީ ކީރިތި ރަސޫލާ އިޞްރާ ދަތުރުފުޅު ފެއްޓެވި ބިންވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަޒް

    ދެރަކަމުގެ ކޮޅެއް ނެތް.. ﷲ އަހަރުމެން މުސްލިމުންނަށް ދިމާވެފައިވާ އެންމެހާ ދަތިތަކުން ސަލާމަތްކުރައްވައިފާންދޭވެ

    35
  2. ނަން

    މުސްލިމުން އަދި އެއްފަހަރު ފަތަހަކުރާނަން

    29
    • ޟ

      ޢިންޝާ ﷲ.

      19
  3. މސލމ

    ޢީސާގެފާނު ފައިބާވަޑައިގަންނަވަން ވަރަށް ގާތްވެއްޖެ. 5 އަހަރު އެކަލޭގެފާނު ދުނިޔޭގައި ހުންނަވާނެކަމަށް ބުނެވޭ.

  4. ސަރުބަތު

    މުސްލިމުންގެ ބާ ރާއި ނުފޫޒު ހާދަ ގަދައޭ. ޔަހޫދީންނައް އެކަން ނޭނގޭތީ ހައި ރާނެއް ނުވޭ.

  5. ޖައުފަރު

    މީގަ އެންމެ ނުބައީ ވަށަވަށައިގެން ތިބި އަރަބީން ، ފިނޑި ކަމާއި ޖާހިލު ކަމުގެ އިންތިހާ

    16
    1