ނިއު ޒީިލެންޑްގައި ކޮވިޑް-19 ފެތުރުން ހުއްޓުވައި އެ ގައުމުގައި އެޅި ފިޔަވަޅުތަކަށް ލުޔެއް ދިނުމާ ގުޅިގެން ގިނަ ބަޔަކު ބާގާ ގަތުމަށް ފާސްޓް ފުޑް އައުޓްލެޓްތަކަށް ނިކުތުމާ ގުޅިގެން އެމީހުންގެ ސަލާމާތީ ކަންކަން ފުލުހުން ބަހައްޓަން ޖެހިއްޖެއެވެ.

އާބާދީގައި ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ނިއު ޒީލެންޑުގައި ކޮވިޑް-19 ނައްތާލެވިފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން ވަނީ އިއުލާން ކުރައްވައިފައެވެ. ބޮޑުވަޒީރު ވިދާޅުވި ގޮތުގައި މިހާރު އެ ގައުމުގައި ކޮމިއުނިޓީ ޓްރާންސްމިޝަނެއް ނެތެވެ.

އެހެންވެ، އެ ގައުމުން ވަނީ ބައެއް ވިޔަފާރިތަކާއި ސިއްހީ ޚިދުމަތްތައް އަދި ތައުލީމް ދޭ ތަންތަން ހުޅުވާލަން ނިންމައިފައެވެ. ފުރަބަންދުގެ ލެވެލް ހަތަރަކުން ތިނަކަށް ބަދަލު ކުރި ނަމަވެސް، އޮފީސްތަކާއި ޝޮޕިން ސެންޓަރުތައް ފަދަ ތަންތަން ހުޅުވުމުގެ ވިސްނުމެއް އެ ގައުމުގެ ސަރުކާރުގައި އަދި ނެތެވެ.

މި ލުއިތައް ދިނުމާ ގުޅިގެން އެންމެ ގިނަ ބަޔަކު ޖަމާވެފައި ވަނީ ފާސްޓް ފުޓް އައުޓްލެޓްތަކަށެވެ. އަދި ގިނަ ބަޔަކު ބޭނުންވީ ބާގާ ގަތުމަށް ކަމަށްވެއެވެ. އަދި އެހާ ގިނަ ބަޔަކު ފާސްޓް ފުޑް އައުޓްލެޓްތަކަށް ޖަމާވުމާ ގުޅިގެން ސަލާމާތީ ކަންކަން ބަލަހައްޓަން ޖެހުނީ ފުލުހުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ނިއު ޒީލެންޑުން ވަނީ ބައެއް ރެސްޓޯރަންޓުތަކާއި ކެފޭތައް ހުޅުވުމުގެ ހުއްދަ ދީފައެވެ.

ނިއު ޒީލެންޑްގެ ޓީވީ ޗެނަލަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ އޮކްލެންޑް ސިޓީގައި ހުންނަ ކޭއެފްސީ އާއި މެކްޑޮނަލްޑް ފަދަ ތަންތަނުގައި ބޮޑެތި ކިއުތަކެއް ވަނީ ހަދައިފައެވެ. އެހެންވެ، އެ ކިއޫތައް ހަމަޖެއްސުމަށް ފުލުހުންނަށް އަންގަން ޖެހުނު ކަމަށްވެއެވެ.

ނިއު ޒީލެންޑުން 1,474 މީހެއްގެ ގައިން ބަލި ފެނުނު އިރު، މި ބަލީގައި އެ ގައުމުން މަރުވީ އެންމެ 19 މީހުންނެވެ. އެކަމަކު، އިއްޔެގައި އެ ގައުމުން ދެ މީހެއްގެ ގައިން ބަލި ފެނިފައިވެއެވެ. މި ބަލިން 1,229 މީހަކު ރަނގަޅުވި އިރު، 226 މީހަކަށް އަދިވެސް ދަނީ ފަރުވާދެމުންނެވެ. ސީރިއަސް ހާލަތުގައި އޮތީ އެންމެ މީހެކެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ނިއު ޒީލެންޑްގައި އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރެވެން އޮތީ މަޑުމަޑުން ކަމަށެވެ. ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމުގެ މުހިންމު ކަމަށާއި އެހެން ނޫނީ މި ބަލިން އަރައިނުގަނެވޭނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.