ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އިރްފާން ޚާން މަރުވުމާއި އެކު އޭނާ އަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތައުޒިޔާ ކިޔައިފިއެވެ.

އެތައް ދިވެހިން ތަކަކަށްވެސް ކަމުގޮސްފައިވާ އިރްފާން ޚާން މަރުވެފައި ވަނީ އޭނާ ކެންސަރާއި ދެކޮޅަށް ކުރަމުން ގެންދިޔަ ހަނގުރާމާގައި މުމްބާއީގެ ކޮކިލަބެން ދިރުބާނީ އަމްބާނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ނިއުރޯއެންޑޮކްރިން ކެންސަރު އިރްފާން އަށް ޖެހިފައިވާކަން އޭނާ އަށް އިނގުނީ 2018ވަނަ އަހަރުގައެވެ. އޭގެ ފަހުން އޭނާގެ ބަލި ހާލަތު ވަރަށް ބޮޑަށް ދަށްވެ، އިނގިރޭސިވިލާތުގެ ލަންޑަނަށް ބޭސް ފަރުވާ ކުރަން ގިނަ ދަތުރުތަކެއް ވަނީ ކޮށްފައެވެ.

ނަމަވެސް، މިއަދު އޭނާ މަރުވުމާއި ގުޅިގެން މުޅި އިންޑިއާ އަށް ކުއްލި ސިހުމެއް ލިބިފައިވާއިރު، ފިލްމީ ފަންނާނުންނާއި، ކުޅިވަރު އެތްލީޓުންނާއި، ސިޔާސީ އިސް ބޭފުޅުންވެސް ވަނީ އިރްފާން އަށް ތައުޒިޔާ ކިޔާފައެވެ.

މިގޮތުން އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އިރްފާންގެ މަރަކީ ޓީވީތަކާއި ސިނެމާތަކަށް ލިބޭ ބޮޑު ފަޅުކަމެއް ކަމަށާއި، އޭނާ އަކީ ހުނަރުވެރި އެކްޓަރެއް ކަމަށެވެ. މޯދީ ވަނީ މި އުނދަގޫ ދަނޑިވަޅުގައި އިރްފާންގެ އާއިލާ އަށް ކެތްތެރިކަމަށްވެސް އެދިފައެވެ.

އިރްފާން މަރުވިއިރު އޭނާގެ އަތްބަކާއި ދެ ދަރިން ދުނިޔޭގައި އެބަތިއްބެވެ.