ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ސްވިޒަލޭންޑުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް ނިމުމަކަށް ގެނެސް އާންމު ހާލަތަކަށްދާން ތައްޔާރުވާން ފަށައިފިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސްވިޒަލޭންޑުގައި ވެސް މިދިޔަ މަހުން ފެށިގެން ގިނަ ފިޔަވަޅުތައް އަޅާފައި ވެއެވެ. އެގޮތުން އާންމުންނަށް ބޭރަށް ނިކުމެ ނޫޅެވޭ ގޮތަށް އެޤައުމުގެ ގިނަ ސަރަޙައްދުތައް ފުރަބަންދުކޮށްފައި ވެއެވެ.

މި ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށް ސްވިޒަލޭންޑުގެ ސަރުކާރުން ނިންމާފައި ވަނީ، ފާއިތުވެދިޔަ ދުވަސްތަކާއި އަޅާބަލާއިރު އެޤައުމުން ބަލި ޖެހޭ މީހުންގެ އަދަދު މަދުވާން ފަށާފައި ވަނިކޮށެވެ. އެޤައުމުން މިގޮތަށް ނިންމާފައި ވަނީ، ކޮވިޑް-19 ގެ ނުރައްކާ ކުރިން އެންމެ ބޮޑުވި އެއް ޤައުމު ކަމަށްވާ ފްރާންސުގައި ވެސް ފުރަބަންދު ނިމުމަކަށް ގެނައުމަށް ނިންމާފައި ވަނިކޮށެވެ.

ސްވިޒަލޭންޑުގެ ސަރުކާރުން މީގެ ކުރިންވެސް ފުރަބަންދުގެ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދީފައި ވެއެވެ. މި ނިންމުމުގެ ދެވަނަ ފޭސް އެއްގެ ދަށުން ބައެއް ފިޔަވަޅުތައް ނިމުމަކަށް ގެންނަން އެޤައުމުގައި ނިންމާފައި ވަނީ އަންނަ މޭއި މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ.

ސްވިޒަލޭންޑުގެ އިދާރާތަކުން ބުނެފައިވަނީ، މޭއި 11 ގެ ފަހުން އެޤައުމުގެ ފިހާރަތަކާއި އާންމު ޚިދުމަތްދޭ ތަންތަން ހުޅުވުމުގެ ހުއްދަ ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން އެޤައުމުގައި ހިންގާ ޕްރައިމަރީ ސްކޫލްތަކާއި ސެކަންޑްރީ ސްކޫލްތަކުގެ ކިޔަވައިދިނުންވެސް މޭއި 11 ގެ ފަހުން ފަށާނެ ކަމަށް އެ އިދާރާތަކުން ބުނެފައި ވެއެވެ.

ހަމައެހެންމެ ބޯޑަރުތައް ހުޅުވާލައި އާންމު ދަތުރުފަތުރުތަކަށް ވެސް އަންނަ މަހުން ފެށިގެން އެޤައުމު ހުޅުވާލެވޭނެ ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ. ފިޔަވަޅުތަކައް ލުއި ދިނުމަށް ސްވިޒަލޭންޑުގެ ސަރުކާރުން ނިންމި ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ބައެއް ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އަންގާފައި ވެއެވެ.

ހަމައެހެންމެ ބޮޑެތި އެއްވުންތައް އެޤައުމުގައި ކުރިޔަށްދިޔުން އަދިވެސް މަނާވާނެއެވެ. ސްވިޒަލޭންޑުން ވަނީ ޖޫން އަށްވަނަ ދުވަހު ތިންވަނަ ފޭސް އެއްގެ ދަށުން، ބައެއް އެހެން ފިޔަވަޅުތަކަށް ވެސް ލުއިދޭނެ ކަން އިއުލާނުކޮށްފައެވެ.

ސްވިޒަލޭންޑުން މިހާތަނަށް ޖުމްލަ 29264 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތެރެއިން 1699 މީހަކު ވަނީ މަރުވެފައެވެ. އެޤައުމުގައި މި ބަލި ޖެހުނު މީހުންގެ ތެރެއިން 22600 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.