އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ރާމާމަކުނުތައް ބޭނުން ކޮށްގެން ޓެސްޓްކޮށް، ކާމިޔާބު ވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

"ނިއުޔޯކް ޓައިމްސް" އިން ރިޕޯޓް ކުރާ ގޮތުގައި އޮކްސްފޯޑްގެ ވެކްސިން ވަނީ ހަ ރާމާމަކުނަކަށް ދީފައެވެ. ވެކްސިން ދިނުމަށް ފަހު އެ ރާމާމަކުނުތައް ވަނީ ކޮވިޑް-19 ވައިރަސް ހުރި ތަނެއްގައި ގެންގުޅެފައެވެ. ނަމަވެސް ވެކްސިން ދިން ފަހުން 28 ދުވަސް ވަންދެން ރާމާމަކުނުތައް ކޮވިޑް-19 ވައިރަސް ހުރި ތަނެއްގައި ގެންގުޅުމުން ވެސް ކޮވިޑް-19 ވައިރަސްގެ އެއްވެސް އަސަރެއް އެއިން އެއްވެސް ރާމާމަކުނަކަށް ކޮށްފައެއް ނުވެއެވެ. ވެކްސިން ދިން ރާމާމަކުނުތައް އުޅުނީ ކޮވިޑް-19 ވައިރަސް ޖެހިފައިވާ ރާމާމަކުނުތަކަކާއި އެކުއެވެ.

ރާމާމަކުނުތަކަށް ކޮވިޑް-19 ދީގެން ޓެސްޓްތައް ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާގެ މޮންޓާނާގައި ރޮކީ މައުންޓެއިން ލެބޯޓްރީގައެވެ.

މި ވެކްސިން އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތުގައި އެންމެ ބޮޑެތި ކުރިއެރުންތަކެއް މިހާތަނަށް ހޯދާފައި ވަނީ އޮކްސްފޯޑް ޔުނިވަސިޓީންނެވެ. އޮކްސްފޯޑްގެ ވެކްސިން އުފައްދަން އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ 25 މިލިއަން ޑޮލަރު ދީފައެވެ.

ރާމާމަކުނަށް ވެކްސިން ދިނުމުން ރަނގަޅު ނަތީޖާއެއް ފެނިފައި ވީނަމަވެސް މިއީ އިންސާނުންނަށް އެންމެ ރައްކާތެރި ވެކްސިނެއް ކަން ކަށަވަރު ވާނީ އިންސާނުން ބޭނުން ކޮށްގެން ކުރަމުން އަންނަ ޓެސްޓްތަކުގެ ނަތީޖާ ލިބުމުންނެވެ. އެނަތީޖާ އެންމެ އަވަހަށް ވެސް ލިބޭނީ އަންނަ ސެޕްޓެމްބަރ މަހު ކަމަށް ލަފާ ކުރެވެއެވެ.

ސެޕްޓެމްބަރ މަހު ވެކްސިންގެ ނަތީޖާ ލިބި، އެއީ އިންސާނުންނަށް ބޭނުން ކުރަން އެންމެ ރަނގަޅު ވެކްސިނެއް ކަން ކަށަވަރުވި ނަމަވެސް އިންސާނުން ބޭނުންވާ ވަރަށް ވެކްސިން ފޯރުކޮށްދިނުމަށް އަދި އިތުރު ދުވަސްތަކެއް ނަގާނެ އެވެ. އެހެންކަމުން އަދި ކޮވިޑް-19 އަށް ވެކްސިނެއް ލިބޭނެ ދުވަހެއް ސީދާ ބުނާކަށް ނޭނގެއެވެ.

ނަމަވެސް އޮކްސްފޯޑްގެ ވެކްސިން އުފެއްދުމުގެ މަސައްކަތް މިހާރު ވެސް ވަނީ ފަށާފައެވެ. އެހެންކަމުން އިންސާނުންނަށް ވެކްސިން ބޭނުން ކުރަން ހުއްދަ ލިބިއްޖެނަމަ ވަރަށް އަވަހަށް ގިނަ ބަޔަކަށް ވެކްސިން ލިބުމުގެ ފުރުސަތު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސިޒޫ

    ޢަލްހަމްދު ﷲ....

    27
    2
  2. އަޙްމަދު

    ރާއްޖޭގެ ބޭސްވެރިން ހަދާ ބޭސް ފުރަތަމާ ދޭން ފެންނަނީ މަގުމަތީގަ ގިނަވެގެން މިއުޅޭ ބުޅަލަށް. އެއަަށް ގޮތެއް ނުވިއްޔާ އިންސާނުން ބޭނުން ކުރަން ވާނީ.

    21
    4
  3. ޞަބީ

    الحمد لله.

    28
  4. އާމީން

    ރައްގަޅު

    9
    1
  5. ޝީޒާ

    އަލްްޚަމްދުލިއްލާހި ޝުކުރު.