ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

އެ ގައުމުން މިއަދު އާއްމު ކުރި ތަފާސް ހިސާބުތަކުގައި ވަނީ ކޮވިޑް-10 ޖެހިގެން މުޅިން އަލަށް 4419 މީހަކު މަރުވި ކަމަށް ރިޕޯޓްކޮށްފައެވެ.

އިނގިރޭސިވިލާތުން މަރުވި މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވީ މީހުން ބަލަހައްޓާ ތަންތަނުގައި މަރުވި މީހުންގެ އަދަދުތައް ފާއިތުވި 24 ގަޑިއިރު ތެރޭ މަރުވި މީހުންގެ ތެރޭގައި ހިމެނުމުންނެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު މިހާތަނަށް އިނގިރޭސިވިލާތުން ފައްސިވި މީހުންގެ ތެރެއިން 4207 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.

މީގެ ކުރިން އިނގިރޭސިވިލާތުން ކޮންމެ ދުވަހަކުވެސް އާއްމު ކުރަމުން އައީ ހޮސްޕިޓަލްތަކުގައި މަރުވާ މީހުންގެ އަދަދުތަކެވެ.

މިހާރު އެ ގައުުވެފައި ވަނީ ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިންވެސް ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމަށެވެ. އަދި ޔޫރަޕުން ދެވަނައަށް އެންެމެ ގިނަ މީހުން މަރުވި ގައުމަށެވެ.

އިނގިރޭސިވިލާތް ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 3.2 މިލިއަންއަށްވުރެ އިތުރުވެފައި ވާއިރު، އޭގެތެރެއިން 227290 މީހަކު ވަނީ މަރުވެފައެވެ.